ކުޅިވަރުގެ އެސޯސިއޭޝަނެއްގެ އިންތިހާބު އަނެއްކާވެސް ބޯމަތިވީ އެވެ. ވޭތުވެދިޔަ ފަސް އަހަރުތެރޭ އިންޓަނޭޝަނަލް ލެވަލްގައި އެންމެ ކާމިޔާބު ކުޅިވަރު، ޓޭބަލް ޓެނިހެވެ. ޓީޓީގެ އިންތިހާބު ދުރުގައި ތިބެގެން ބަލާއިރު ފެންނަނީ، ޖުލައި މަހު ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި ވެސް ފެނުނު މަންޒަރެވެ. ފުޓްބޯޅައިގެ އިންތިހާބުގައި ޖެއްސި ކުލަ އާއި ދަތުރު ކުރި މަގު ތަފާތެވެ.
ދެ އިންތިހާބުގައި ދެ މަގަކު ދިޔަ ނަމަވެސް، ފަހަތުގައި އޮތީ ރަނގަޅު "މަގުސަދެ'އް ކަމަށް ބުނެ އެވެ. ދެ އެސޯސިއޭޝަންގައި ވެސް އޮތް އެގްޒެކެޓިވް ކޮމިޓީން ހަދާފައި ހުރި ގޯސްތައް "އިސްލާހް ކުރުން" ކަމުގައި ބުނެވެ އެވެ.
ދެ އެސޯސިއޭޝަނުން ދިން ރައްދު ވެސް އެއްގޮތެވެ. "ދިވެހިރާއްޖެ ސަސްޕެންޑް" ކުރާނެ ކަމުގެ އިންޒާރެވެ. ޓީޓީ އެސޯސިއޭޝަންގެ މިހާރު އޮތް ހިންގާ ކޮމިޓީގެ ހިމެނޭ ދެ މެންބަރުން ކަމަށްވާ، ކުރީގެ ގައުމީ ޗެމްޕިއަން އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) އާއި ޓީޓީގެ އަމްޕެޔަރު އިބްރާހިމް ލަތީފް (އިއްބެ). ފުރަތަމަ ވަޑައިގެންނެވީ ސްޕޯޓްސް ކޮމިޝަނާ އާއި ސްޕޯޓްސް ކައުންސިލަށެވެ. ކުރިއަށް އޮތް އިންތިހާބުގައި، މިހާރުގެ ރައީސްއަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައި އޮތްކަމަށް ކުރާ ތުހުމުތައް ހިފައިގެންނެވެ. އިންތިހާބުގައި ރައީސް ކަމަށް ވާދަ ކުރާ އެއް ކެނޑިޑޭޓަކީ މިހާރުގެ ރައިސް އަލީ ރަޝީދު (އައްޔަ) އެވެ.
އޭނާ އާ ވާދަ ކުރަނީ، ޓީޓީގެ ބޮޑު ފޭންއެއް ކަމަށްވާ، ގިޔާސުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީިމެވެ. ވަކިވަކިން ކެނޑިޑޭޓުން ކުރިމަތި ލެއްވިއަސް އޮތީ ދެ ޓީމެކެވެ. ޓީމު އައްޔަ އާއި ޓީމު ތޯހާ އެވެ. ތާޅަފިލި އަލިބެ އާއި އިއްބެ އަކީ ތޯހާގެ ޓީމުގައި އެކްސްކޯއަށް ވާދަ ކުރާ ދެ ކެނޑިޑޭޓުންނެވެ. ސްޕޯޓްސް ކައުންސިލާއި ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައިގެ ހުލާސާ އަކީ އިންތިހާބަށް ނުފޫޒު ފޯރުވައި، އުސޫލާ ހިލާފަށް ކަންކަން ކޮށްފައި ވުމުގެ ތުހުމަތެވެ. އެކަމާ ގުޅިގެން އިންތިހާބު ހުއްޓުވަން އެދިފައި ވެއެވެ
ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން ދިން ޖަވާބަކީ އިންތިހާބު މަޑުޖައްސާލަން އަންގަން ޖެހޭވަރުގެ ކަމެއް ފާހަގަ ވެފައި ނެތް ކަމަށެވެ. ސްޕޯޓްސް ކައުންސިލުން ވަނީ އިންތިހާބަށް "ގޯ އެހެޑް" ދެއްވާފަ އެވެ. ކޮވިޑްގެ ހާލަތު ކަމަށް ވުމުން، ހެލްތު ޕްރޮޓެކްޝަން އެތޯރިޓީގެވެސް ހުއްދަ ހޯދަން ޖެހެ އެވެ. އެ އެތޯރިޓީންވެސް އެ ހުއްދަ ދީފި އެވެ. އަންނަ އަންގާރަ ދުވަހު މެންދުރު ފަހު އެކަކުން ހަވީރު ފަހަކާ ހަމައަށް ގަލޮޅު ދަނޑުގައި އިންތިހާބުގެ ވޯޓުލުން އޮންނާނެ އެވެ.
އުސޫލާ ހިފާލުވުމުގެ މައްސަލަ
ސްޕޯޓްސް ކައުންސިލާއި، ސްޕޯޓްސް ކޮމިޝަނަށް ހުށަހަޅުއްވައިގެން "ބޭނުންވާ ހައްލު" ނުލިބުމުން މިހާރު މައްސަލަ އޮތީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. މައްސަލައިގައި ވަކާލާތު ކުރާނީ، ކުރިން ޓީޓީ ކުޅުއްވި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅުނގުދާއިރާގެ މިހާރުގެ މެންބަރު ހަސަން ލަތީފެވެ. "އަވަސް" އާ ވާހަކަ ދައްކަމުން ހަސަން ވިދާޅުވީ، ކޯޓަށް ހުށަހަޅުއްވަން ނިންމެވީ، މަރުހަލާގެ ތެރެއިން ހައްލެއް ނުލިބުމުން ކަމަށެވެ.
ޓީޓީއޭއެމްގެ ޖެނަރަލް ސެކެޓްރީ އިސްމާއީލް ސުޖާއު ވިދާޅުވީ، އުސޫލުން ބޭރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އޭނާ ވިދާޅުވީ ކޯޓުންވެސް ހުކުމް ނެރޭނީ މައްސަލައެއް އެވެގެން ކަމަށާއި އެފަދަ މައްސަލައެއް ނޯންނާނެ ކަމަށެވެ. ކޯޓް މަރުހަލާގެ ތެރެއިން އެކަން ކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވިދާޅުވި އެވެ. އަދި އެފަދަ ނިންމުމެއް އަތުވެއްޖެނަމަ އައިޓީޓީއެފްގެ ގަވާއިދާ ރާއްޖެއިން ހިލާފުވީ ކަމަށް ބަލައި ސަސްޕެންޝަނެއް ކުރިމަތިވުމުގެ ބިރު އޮތް ކަމުގެ އިންޒާރުގެ މަތިން ހަނދާން ކޮށްދެއްވި އެވެ.
ކުޅިވަރު އެސޯސިއޭޝަންތަކުގެ ބެލެނިވެރިޔާ ސްޕޯޓްސް ކޮމިޝަނާ ހީނާ އަހްމަދު ސަލީމު އާއި ސްޕޮޓްސް ކައުންސިލަށް ހުށަހަޅަގެން ހައްލު ނުލިބުމުން ކޯޓަށް ދާން ނިންމި ސަބަބު ހަސަން ވިދާޅުވި އެވެ.
"ކޯޓަށް ދާން އަޅުގަނޑުމެން ނިންމީ އެހެން ގޮތެއް ނެތިގެން،" ހަސަން ވިދާޅުވި އެވެ. "އެހެން ގޮތެއް ނެތޭ މިދަންނަވަނީ، ސްޕޯޓްސް ކައުންސިލުން އޮތީ (ކުޅިވަރުގެ) އަބިޓްރޭޝަން ގަވާއިދެއްވެސް ހަދަން ޖެހިފައި، އެހެންނަމަވެސް ފަސް އަހަރު ވެގެންދިޔައިރުވެސް އެ ގަވާއިދުވެސް އޮތީ ނުހަދާ، ދެން އިތުރު އެހެން ގޮތެއް ނެތުނީމަ މި އެވިނިއު [މިމަގު] އިހްތިޔާރު މިކުރީ."
ސްޕޯޓްސް ކައުންސިލާއި ކޮމިޝަނަށް މައްސަލަ ނުފެނުނަސް، އަސްލު މައްސަލަ ޖެހޭ ހިސާބަކީ އެއިވެ. ކުޅިވަރުގެ އާބިޓްރޭޝަން މަރުހަލާއެއް ނެތުމެވެ. މިއީ ހަމައެކަނި ޓީޓީ އިންތިހާބާ ހަމައިން ފެންމަތި ވެގެން އުޅޭ މައްސަލައެއް ނޫނެވެ. މިނިސްޓަރު އަހްމަދު މަހްލޫފް މެދުވެރިވެ، ސްޕޯޓްސް ކޮމިޝަނާ އޮފީހުން ބާރު ކަނޑުވާލި، ވީއޭއެމްގެ އެކްސްކޯ މައްސަލައިގައި ކޮމިޝަނުން ނިންމި ނިންމުން އެޕީލް ކުރެވޭނެ މަރުހަލާއެއް ނެތެވެ. ސްޕޯޓްސް މިނިސްޓްރީގެ އިހްތިސޯސުން ބޭރުގައި އޮންނަންޖެހޭ އާބިޓްރޭޝަން މަރުހަލާއެއް އޮންނަން ޖެހެ އެވެ.
ސަސްޕެންޝަން އަތުވެދާނެތަ
ޓީޓީގެ އިންތިހާބާ ދެމެދަށް މިހާރު މިއޮތީ ދެ ދުވަހެވެ. ކޯޓުން ނެރެފާނެ ހުކުމަކުން ސަސްޕެންޝަންގެ ބިރު އޮތް ކަމަށް ޓީޓީއޭއެމްއިން ބުނާއިރު ކޯޓަށް ވަޑައިގެންނެވި ޓީމުން ބުނަނީ ޓިޓީ ނެޝަނަލް އެސޯސިއޭޝަނެއްގެ އިންތިހާބާ ގުޅިގެން ރާއްޖޭގެ ކޯޓަކުން ނިންމާ ނިންމުމަކުން ސަސްޕެންޝަން ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ހަސަން ވިދާޅުވީ ފުޓްބޯޅައިގައި ފިފާގެ އުސޫލުތައް އެހެން ހުރި ނަމަވެސް އައިޓީޓީއެފްގެ އުސޫލުތައް ތަފާތު ކަމަށެވެ.
މީގައި އޮތީ އައިޓިޓީއެފްގެ ބަހަކަށް ބެލުމެވެ. ޓީޓީއޭއެމްގެ ޖެނަރަލް ސެކެޓްރީ ސުޖާއުގެ ސެކެޓްރިއޭޓަށް އަައިޓީޓީއެފްގެ ނޯޓެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ނޯޓްގައި އައިޓީއެފުން ބުނެފައިވާ ކަމަށް ސުޖާ ވިދަޅުވީ، ރާއްޖޭގެ ސްޕޯޓްސް ކައުންސިލުން ނިންމި ނިންމުން އައިޓީޓީއެފުން ބަލައިގަންނަ ކަމަށެވެ.