މެސީ

މެސީ ބާސާގައި މަޑުކުރަން ނިންމައިފި

އެފްސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަމަށް މީގެ ދެ ހަފުތާ ކުރިން ހާމަ ކުރި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ، އެކުލަބުގައި މަޑުކުރަން ނިންމައިފި އެވެ.

ގޯލް ޑޮޓް ކޮމް އާ ވާހަކަ ދައްކަމުން، މެސީ ބުނީ ބާސާ ގޮވައިގެން ކޯޓަށް ދާން އޭނާ ބޭނުން ނުވާ ކަމަށާއި އެ ކުލަބަކީ އޭނަ އެންމެ ލޯބިވާ ކުލަބު ކަމަށެވެ.

މެސީ އެދިފައި ވަނީ، ހިލޭ ޓްރާންސްފާގެ ދަށުން އޭނާ އަށް ކުލަބު ދޫކޮށް ދިއުމުގެ ހުއްދަ ދިނުމަށެވެ. ބާސާ އާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓްގެ ދަށުން، ކޮންމެ އަހަރެއްގެވެސް ޖޫން 10 ގެ ކުރިން އޭނާ ބޭނުން ނަމަ، ހިލޭ ޓްރާންސްފާގައި ކުލަބު ދޫކޮށް ދިއުމުގެ އިހްތިޔާރު އޮވެ އެވެ. ސީޒަން ނިމުނު ފަހުން މެސީ އެދުނު ގޮތް ހަމަޖައްސައި ދެވެން ނެތް ކަމަށް ބާސާއިން އޭރު ބުންޏެވެ.

"ކޯޓަށް ގޮސްގެން އެކަން ނިންމަން ޖެހޭނަމަ އަހަރެން ކުލަބުގައި މަޑުކުރާނަން." ބާސާ ގޮވައިގެން ކޯޓަށް ދާން ބޭނުން ނުވާކަން ހާމަ ކުރަމުން މެސީ ބުންޏެވެ.

ކޮންޓްރެކްޓް އާ ނުކުރާނަމަ، އަންނަ އަހަރުގެ ޖޫން 30 ހަމައަށް މެސީ ބާސާގައި ހުންނާނެ އެވެ. ބާސާގެ ޓްރެއިނިން އަށް ހާޒިރުވުމަށް ދެކޮޅު ހެދި މެސީ، ކުރިއަށް ދުވަސްތަކުގައި ޓްރޭނިންއަށް ނުކުންނާނެ ކަމަށް ބެލެވެ އެވެ.