ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސިއްހަތު

ކުޑަކުދިން ބޭރަށް ހިންގާ ހޮޑުލުމަކީ ކޮވިޑްގެ އަލާމާތެއް

ކުޑަކުދިންނަށް ކޮވިޑް-19 ޖެހިފައިވާ ކަމުގެ ވަރަށް މުހިއްމު އަލާމާތަކަށް ބޭރަށް ހިންގުމާއި ހޮޑުލުން ވާކަމަށް ސައިންސްވެރިން ބުނެފި އެވެ. އަދި ކޮވިޑްގެ އަލާމާތްތަކުގެ ލިސްޓަށް މި އަލާމާތްތައް އިތުރުކުރުމަށް ސައިންސްވެރިން ވަނީ ގޮވާލާފަ އެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ ކަމަށް ބަލާ ޗެކްލިސްޓުގައި މިހާރު މައިގަނޑު ގޮތެއްގައި އޮތީ ތިން އަލާމާތެކެވެ. އެއީ ހުން އައުމާއި، ނުފިލާ ކެއްސުމެއް ހުރުން، އަދި ރަހައާއި ވަސް ދުވުމަށް އަންނަ ބަދަލެވެ. ރަހަ ނުލުމާއި ވަސް ނުދުމަކީ ވެސް މި ޗެކްލިސްޓަށް މިދިޔަ މޭ މަހު އިތުރުކުރި ބައެކެވެ.

ސައިންސްވެރިންގެ ވަރަށް ގިނަ ހޯދުންތަކުން ދައްކާ ގޮތުގައި ބޮޑެތި މީހުންގެ ފަރާތުން ފެންނަ ކޮވިޑްގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުން، ވަރުބަލިވުން، ވާނުވާ ނޭނގޭ ކަހަލަ އިހްސާސްތަކެއް ކުރެވުން، މޭގައި ރިއްސުން އަދި ބަނޑު ސަކަރާތްވުން ހިމެނެ އެވެ. މި ހުރިހާ ކަންތައްތަކެއްގެ ތެރެއިން އާންމުކޮށް ހުރިހާ އެންމެންގެ ކިބައިން ވެސް ފެންނަ އެއް އަލާމާތެއް ސައިންސްވެރިން ފާހަގަކޮށްފައި ވެއެވެ. އެއީ ހަޖަމުގެ ނިޒާމުގެ މައްސަލަ އެވެ.

ކޮވިޑް ޖެހުމުން ކުޑަކުދިންނަށް ވެސް މައިގަނޑު ގޮތެއްގައި ދިމާވަނީ ބަނޑުގެ މައްސަލަތަކާ ގުޅިފައިވާ ހޮޑުލުމާއި ބޭރަށް ހިންގުން އަދި ބަނޑުގައި ރިއްސުން ފަދަ ކަންތައްތަކެވެ.

ކޮވިޑްގެ އާއްމު އަލާމާތްތަކުގެ ތެރޭގައި ބެލެވޭ ކެއްސުމާއި ވަސް ނުދުވުން އަދި ރަހަ ނުލުމުގެ މައްސަލަތަކަށް ވުރެ ވެސް ބޮޑަށް ކުޑަކުދިންގެ ފަރާތުން މި ބަލިގެ އަލާމާތުގެ ގޮތުގައި ފެންނަކީ ހޮޑުލުމާއި ބޭރަށް ހިންގުން ކަމަށް ވެސް ސައިންސްވެރިން ބުނެފައި ވެއެވެ.

ސައިންސްވެރިންގެ މި ފަހުގެ ދިރާސާ ބިނާ ކުރީ މި އަހަރުގެ އޭޕްރީލް ހަވަނަ ދުވަހުން ފެށިގެން ޖުލައި ތިންވަނަ ދުވަހާ ހަމައަށް ކޮވިޑް ޖެހިގެން ފަރުވާ ހޯދި 990 ކުދިންނަށެވެ. މި ހުރިހާ ކުދިންނަކީ ވެސް ސިއްހީ ޚިދުމަތްތެރިންގެ ދަރިންނެވެ. އަދި މި ހުރިހާ ކުދިންނަށް ވެސް ފަރުވާ ދިނީ ގޭގައި ބައިތިއްބައިގެނެވެ. އެއްވެސް ކުއްޖަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެއް ނުވެ އެވެ.

އިނގިރޭސި ވިލާތުގައި ދިރިއުޅޭ މި ކުދިންނަކީ އުމުރުން ދެ އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނެވެ.
މި ކުދިންގެ ލޭގެ ސާމްޕަލް ނަގައި ކޮރޯނާވައިރަސްގެ ސަބަބުން އުފެދޭ އެންޓިބޮޑީޒް ހުރިތޯބެލި އެވެ. ދެން ބެލީ މި ކުދިންގެ ފަރާތުން ފެނުނު ބަލީގެ އަލާމާތް ތަކަށެވެ.

ސައިންސްވެރިންގެ ޓީމަށް ފާހަގަ ކުރެވުނު ގޮތުގައި މި ކުދިންގެ ތެރެއިން ބަލިގެ އެންޓިބޮޑީޒް ހަށީގަނޑޫގައި އުފެދިފައި ހުރީ 68 ކުއްޖެއްގެ އެވެ. އެއީ ދިރާސާގައި ބައިވެރިކުރި ކުދިންގެ 6.9 ޕަސެންޓެވެ. މި ކުދިންގެ ތެރެއިން ބަލީގެ އަލާމާތްތައް ފެނިފައިވަނީ ދެބައިކުޅަ އެއްބައި ކުދިންގެ ފަރާތުންނެވެ.

ބަލީގެ އަލާމާތްތައް ފެނުނު ކުދިންގެ ތެރެއިން 31 ޕަސެންޓް ކުދިންގެ ހުން އައިސްފައި ވެއެވެ. އަދި 18 ޕަސެންޓް ކުދިން ބޮލުގައި ރިއްސާތީ އުޅެފައިވާއިރު 19 ޕަސެންޓް ކުދިންނަށް ބަނޑު ސަކަރާތްވެގެން ދިމާވާ މައްސަލަތައް ދިމާވި އެވެ.

ކިންގްސް ކޮލެޖު، ލަންޑަންގެ ޕްރޮފެސަރު ޓިމް ސްޕެކްޓާ ވިދާޅުވި ގޮތުގައި އެ ބޭފުޅުން ކުރި ދިރާސާއަށް ކޮވިޑް ޖެހުނު 25،000 ކުއްޖެއްގެ މައުލޫމާތު ހޯދި ކަމަށެވެ. އަދި މި މައުލޫމާތުތަކުން އެނގުނު ގޮތުގައި ކޮވިޑް ޖެހޭ ކުދިންނަށް ތަފާތު އަލާމާތްތައް ފެނިފައިވާއިރު ބޮޑެތި މީހުންނަށް އާއްމުކޮށް ބަލި ޖެހުމުން ކެއްސާތީ އުޅުނަސް ކުޑަކުދިންނަށް ކެއްސާ މައްސަލަ ވަރަށް ދިމާ ނުވާ ކަމަށެވެ.

"އާއްމުކޮށް ފެންނަނީ ހުން އައުމާއި ކާހިތް ނުވުން އަދި ގޮހޮރުގެ ނިޒާމުގެ މައްސަލަތައް. މި މައްސަލަ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ކިބައިން ވެސް ފެންނަލެއް ގިނަ. ނަމަވެސް ކުޑަކުދިންގެ މާ ބޮޑަށް މިކަން އިތުރުކަން ފާހަގަ ކުރެވޭ،" ޕްރޮފެސަރު ވިދާޅުވި އެވެ.