ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ޑަބްލިއުއެޗްއޯ އިން އިއުލާނުކުރި ކުއްލި ހާލަތު މިއަދު އުވާލައިފި އެވެ.
މީގެ ތިން އަހަރު ކުރިން އިއުލާނު ކުރި ކުއްލި ހާލަތު މިއަދު އުވާލީ ޑަބްލިއުއެޗްއޯގެ އިމަޖެންސީ ކޮމިޓީގެ 15 ވަނަ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށްފަހު އެވެ.
ޑަބްލިއުއެޗްއޯ ގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް ވިދާޅުވީ ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދަތުތައް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އޭގެ އިތުރުން ދުނިޔޭގެ ހުރިހާ ގައުމުތަކެއް ކަހަލަ ގޮތަކަށް މިވަގުތު ހުޅުވާލައި އާންމު ހާލަތަށް އުޖޫއަވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ކޮވިޑް-19 ގެ އާލަމީ ވަބާ އާއި ގުޅިގެން ދުނިޔޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ޖެނުއަރީ 2020 ގަ އެވެ. އޭގެ ފަހުން ކޮވިޑަކީ އާލަމީ ވަބާއެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ކަނޑައެޅި އެވެ.
މިހާތަނަށް 760 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު ހަތް މިލިއަނަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައިވާ ކަމަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައިވެ އެވެ.
ކޮވިޑުން ރައްކާތެރިކަން ހޯދުމަށް ވެކްސިނެއް އަވަސް މުއްދަތެއްގެ ތެރޭގައި އުފައްދާ ބޭނުންކުރަމުން ދިޔަ ނަމަވެސް އެ ވެކްސިން ނުޖަހާ އެތައް ބަޔަކު ތިބިކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.