ލ. އަތޮޅުގެ ކޮވިޑް ފެސިލިޓިގެ އައިސީޔޫގައި ފަރުވާ ދެމުންދާ ތުއްތު ކުއްޖާގެ ހާލު ރަނގަޅު ކަމަށް ގަން ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
އެ ހޮސްޕިޓަލުން ބުނީ ތުއްތު ކުއްޖާއަކީ ކުޑަހުވަދޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ފެސިލިޓިއަށް ގެންދިޔަ ކުއްޖެއް ކަމަށާއި ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަދި އެ ކުއްޖާއަށް އައިސީޔޫގައި ފަރުވާ ދެމުންދަނީ އެއީ އެއް މަހުގެ ތުއްތު ކުއްޖެއް ކަމަށްވާތީ ކަމަށް ވެސް ބުންޏެވެ.
ކުޑަހުވަދޫން އެ ކުއްޖާގެ އިތުރުން އެ ކުއްޖާގެ މަންމަ އާއި ބައްޕަވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެމީހުން ޕޮޒިޓިވް ވެފައިވަނީ މާލެއިން ކުޑަހުވަދޫ އަށް ގޮސް ހޯމްކަރަންޓީނު މުއްދަތު ހަމަވެ ދޫކޮށްލުމަށް ހެދި ޓެސްޓުންނެވެ. ނަމަ ވެސް އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީޙުންގެ އަދަދު 8،000 އިން މައްޗަށް އަރާފައިވާއިރު މި ބަލީގައި މިހާތަނަށް 29 މީހަކު ވަނީ މަރުވެފަ އެވެ.