އާމިރު ޚާން

"ލާލް ސިންގް ޗައްޑާ"ގެ ޝޫޓިން މުމްބާއިގައި ފަށަނީ

އާމިރު ޚާނާއި ކަރީނާ ކަޕޫރު ލީޑް ރޯލު ކުޅޭ "ލާލް ސިންގް ޗައްޑާ"ގެ ޝޫޓިން ވަރަށް ބާރަށް ކުރިޔަށް ދަނިކޮށް އިންޑިޔާ ލޮކްޑައުންކުރުމުގެ ސަބަބުން މިދިޔަ މާޗް މަހު ވަނީ ފިލްމުގެ މަސައްކަތް ހުއްޓާލަން ޖެހިފަ އެވެ. އޭގެ ފަހުން ތުރުކީ އަށް ގޮސް ފިލްމުގެ ބައެއް ބައިތައް އާމިރު ފުރިހަމަ ކޮށްފައި ވެއެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމުގެ އާ ޝެޑިއުލްއެއް ސެޕްޓެމްބަރު 7 ވަނަ ދުވަހުން ފެށިގެން މުމްބައިގައި ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި ޝޫޓިންގްގައި އާމިރު އާއެކު ކަރީނާ ވެސް ބައިވެރި ވާނެ އެވެ.

މި ފިލްމުގެ ޝޫޓީންގަށް ވަރަށް ވަރުގަދަ ދެ ސެޓު ގޮރެގައުންގެ ފިލްމު ސިޓީގަ އާއި މަލަޑްގައި ހުންނަ ރުންދަވަން ސްޓޫޑީއޯގައި މިހާރު ވަނީ ތައްޔާރު ކޮށްފަ އެވެ. މިތަނުން ގުރުގައޮންގައި ހުރި ސެޓު ތައްޔާރު ކޮށްފައި ވަނީ ގެއެއް ގޮތަށެވެ. އާމިރާއި ކަރީނާގެ ޝޫޓިންގްތައް ބާއްވަނީ މިތަނުގަ އެވެ. މި ބައި ނިމުމުން އަނެއް ސެޓަށް އާމިރު ދާނެ އެވެ. އެ ސެޓު ތައްޔާރު ކޮށްފައި ވަނީ މިލިޓަރީ ހޮސްޕިޓަލެއް ގޮތަށެވެ. މިއީ ފިލްމުގެ ވަރަށް މުހިއްމު ބައެކެވެ. ހަނގުރާމަ ނިންމާފައި ފިލްމުގެ ބަތަލު އެނބުރި އައިސް ދެން ކަންތައްތައް ވާގޮތް ފެންނާނީ މި ބައިގައި ކަމަށް ވާތީ އެވެ.

މި ދެ ސެޓުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ވަރުގަދަޔަށް އަޅާފައި ހުންނާނެ އެވެ. ކޮންމެ ހަފުތާއަކު އެއް ފަހަރު ފިލްމުގައި ބައިވެރިވާ ހުރިހާ އެކްޓަރުންނާއި ކުރޫން ކޮވިޑް ޓެސްޓް ވެސް ކުރަމުން ގެންދާނެ އެވެ. އަދި ކޮންމެ ދުވަހަކު ވެސް ސެޓަށް މީހުން ވައްދާނީ ވެސް ސިއްހީ ގޮތުން ބަލަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ބެލުމަށް ފަހުގަ އެވެ.

ކަރީނާ ބަނޑުބޮޑުވީމަ އޭނާ ބައިވެރިވާ ޝޫޓިންގްތަކުގައި ވަކިން ރައްކާތެރިކަން އިތުރުކޮށް ކޮންމެހެން ބޭނުންވާ ކުރޫ މެމްބަރުން ނޫނީ ސެޓަށް ނުވެއްދުމަށް އާމިރު ވަނީ ޑައިރެކްޓަރު އަދަވައިތު ޗަންދަން އަށް އަންގާފަ އެވެ. ކުރިން ފިލްމު ރިލީޒް ކުރަން އޮތީ މި އަހަރުގެ ޑިސެމްބަރުގައި ނަމަވެސް މިހާރު އަންނަ އަހަރުގެ ޑިސެމްބަރަށް ފިލްމު ރިލީޒް ކުރުން ވަނީ ލަސް ކޮށްލާފަ އެވެ.

ފިލްމުގައި ކަރީނާ ކުޅޭ މަންޒަރުތަކުން އޭނާ ބަނޑުބޮޑުކަން ހާމަވާނެތީ ކަރީނާގެ ބަނޑު ނޭނގޭ ގޮތަށް ސްޕެޝަލް އިފެކްޓްސް ބޭނު ންކުރަން ހަމަޖެހިފައިވާ ކަމަށް ކުރޫން ބުނެފައި ވެއެވެ.

"ލާލް ސިންގް ޗައްޑާ" އަކީ ހޮލީވުޑްގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ފޮރެސްޓް ގަމްޕް" ގެ އޮފިޝަލް ރިމޭކް އެކެވެ. ހޮލީވުޑް ފިލްމުގައި ޓޮމް ހޭންކްސް އަދާކުރިބައި ހިންދީ ފިލްމުގައި ކުޅެނީ އާމިރެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ އާމިރާއި ވަޔަކަމް18 ސްޓޫޑިއޯޒް ގުޅިގެންނެވެ.