ބޭރު ކުޅިވަރު

އަގުއެރޯ އެއްމަހަށް ކުޅުމާ ދުރަށް

އިކުއެޑޯއާ ދެކޮޅަށް، އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެނިކޮށް އަނިޔާވެ، މެންޗެސްޓާ ސިޓީގެ ފޯވަޑް ސާޖިއޯ އަގުއެރޯ އެއް މަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

"އަހަންނަށް ހީވަނީ އަހަރެން މަހަކާ ގާތަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެހެން،" މެޗަށް ފަހު އަގުއެރޯ ބުންޏެވެ.

އޭނާގެ މި އަނިޔާގެ ސަބަބުން އިނގިރޭސި ޕްރެމިއާ ލީގުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ލީގުގައި ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ.

ގާތްގާތުގައި އަގުއެރޯ އަށް އަނިޔާވަމުންދާތީވެ މެންޗެސްޓާ ސިޓީގެ ކޯޗު މެނުއަލް ޕެލެގްރީނީ މިހާރު ވަނީ ކަންބޮޑުވެފަ އެވެ. އޭނާ ބުނީ ޓީމުގެ އެންމެ މުހިންމު ފޯވަޑަކީ އަގުއެރޯ ކަމަށާއި އޭނާ ނެތި ގިނަ މެޗުތަކެއް ކުޅެން ޖެހުމަކީ މުޅި ޓީމުގެ ކުޅުމާއި އިތުބާރަށް އަސަރުކުރާނެ ކަމެއް ކަމަށެވެ.

ސިޓީގެ ޑޭވިޑް ސިލްވާ އަށް ވެސް ވަނީ ޔޫރޯ ކޮލިފައންގައި ސްޕޭނަށް ކުޅެނިކޮށް ހާނިއްކަވެފަ އެވެ. އޭނާ ވެސް ދުވަސްކޮޅަކު ކުޅުމާ ދުރުގައި ހުރުން އެކަށީގެންވާ ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.