ވިޔަފާރި

ތެލުގެ އަގަށް ބަދަލެއް ނުގެންނަން: އެސްޓީއޯ

Sep 5, 2020
1

ތެޔޮ ވިއްކާ އަގަށް އެއް ވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.

އެސްޓީއޯގެ މީޑިއޯ ކޯޑިނޭޓަރު އަބްދުﷲ އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވި ގޮތުގައި އެ ކުންފުނިން ތެލުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.

"ޝެޑު ތަކުން ތެޔޮ ވިއްކާ އަގަށް ވެސް އެއް ވެސް ބަދަލެއް ނުގެންނަން. މަސްވެރިންނަށް ތެޔޮ ވިއްކާ އަގަށް ވެސް އެއް ވެސް ބަދަލެއް ނުގެންނަން. ކުރިން ވެސް ވިއްކަމުން އައި އަގަށް ލިބޭނީ،" އަބްދުﷲ ވިދާޅުވި އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެސްޓީއޯ އިން ރާއްޖޭގެ އެތެރޭގައި ތެޔޮ ސަޕްލައި ކުރާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވަނީ ގަނޑުކޮށް ތެޔޮ ގަންނަ ފަރާތްތަކަށް ތެލުގެ އަގު ބޮޑުކޮށްފަ އެވެ. އެ ކުންފުނިން ނެރެފައިވާ ނޯޓަކާ ހަވާލާދީ ބުނާ ގޮތުން ޑީސަލް ލީޓަރަކުން 35ލ. އަދި ޕެޓްރޯލް ލީޓަރަކުން 29ލ. ބޮޑުކޮށްފައި ވެއެވެ.

އެސްޓީއޯ އިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ މާޗް މަހު އެވެ. ތެލުގެ އަގަށް ގެނައި ބަދަލާއެކު، ޑީސަލް ލީޓަރަކުން 1.68ރ. އަދި ޕެޓްރޯލް ލީޓަ ރަކުން 1.53ރ. ހެޔޮ ވެގެން ދިޔަ އެވެ. މި ބަދަލުގެ ސަބަބުން ޑީސަލް ލީޓަރެއް މިހާރު ވިއްކާނީ 8.71ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާ އަގަކީ 8.07ރ. އެވެ. މިއީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު މި ފަހުގެ ތާރީހުގައި އެންމެ ބޮޑަށް ދަށަށް ދިޔަ ފަހަރެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ބޮޑުތަނުން ވެއްޓިފަ އެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 44.69 ޑޮލަރަށެވެ. ކޮވިޑް-19 ގެ ބަލީގެ ސަބަބުން ދަތުރު ފަތުރު ހުއްޓިފައި ވާތީ ތެލަށް އޮތް ޑިމާންޑް ވަނީ ބޮޑުތަކުން ދަށްވެފަ އެވެ.