ދުނިޔެ

އެމެރިކާއާ ކުރިމަތިލާން އުތުރު ކޮރެއާ ތައްޔާރު: ކިމް

ޕިޔޮންގްޔަންގް (ބީބީސީ) -- އެމެރިކާއިން ފަށައިފާނެ ހަނގުރާމައެއްގައި އަމިއްލަ ގައުމު ދިފާއު ކުރުމުގެ ފުރިހަމަ ގާބިލްކަން އުތުރު ކޮރެއާއަށް ލިބިފައިވާކަމަށް އެގައުމުގެ ރައީސް ކިމް ޖޮންގް އުން ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ވޯކާސް ޕާޓީގެ 70 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި އަސްކަރީ ޕެރޭޑެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ކިމް ވިދާޅުވީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެކަހެރި ކުރުމާ އެކުވެސް ގައުމު ދަނީ ކުރިއަށް ކަމަށާއި މިކަމާހެދި އުތުރު ކޮރެއާގެ ދުޝްމަނުން ތިބީ ހާސްވެ ގޮތް ހުސްވެފައި ކަމަށެވެ.

މި އަސްކަރީ ދައްކާލުމުގައި އެތައް ހާސް ސިފައިންނެއް ބައިވެރި ވިއެވެ. އަދި ބަރު ހަތިޔާރާއި ހަނގުރާމަ މަތީ އުޅަނދު ފަހަރު ވެސް ދައްކާލިއެވެ.

ރައީސް ކިމްގެ ވާހަކަ ފުޅުގައި ޗައިނާ ވެސް އޮތީ އެގައުމާ އެކު ކަމަށް އިޝާރާތެއް ކުރެއްވިއެވެ. އަދި މި ރަސްމިއްޔާތުގައި ޗައިނާގެ އިސް ލީޑަރަކު ބައިވެރިވެ ވަޑައިގެންފައި ވާއިރު، އެހެން އެއްވެސް ގައުމެއްގެ ލީޑަރަކު މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.

އުތުރު ކޮރެއާގެ މައި ނިއުކްލިއާ ބޭސްގެ މަސައްކަތްތައް އަލުން ފަށާފައިވާ ކަމަށް މިދިޔަ މަހު އިއުލާނު ކުރުމާއެކު ހުޅަނގުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި ރައީސް ކިމް އެމެރިކާއަށް ހޫނު ބަހުގެ ހަމަލާތަކެއް ދިނުމުން ދެގައުމުގެ ހަތުރުވެރި ކަމަށް އެއްވެސް ބަދަލެއް ނާންނަކަން ދޭހަ ވެއެވެ.