ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ރަޝިޔާގެ ވެކްސިން ރައްކާތެރި، އެންޓިބޮޑީ އުފެދޭ: ދަ ލާންސެޓް

ކޮވިޑް-19 އަށް ރަޝިޔާއިން ތައްޔާރުކޮށް ބޭނުން ކުރުމުގެ ހުއްދަ މިދިޔަ މަހު ދިން ވެކްސިން "ސްޕުޓިނިކް ވީ" ޖެހުމުން ސީރިއަސް ސިއްހީ މައްސަލައެއް ކުރިމަތި ނުވާ ކަމަށާއި އެއިން އުފައްދާ އެންޓީބޮޑީގެ ރެސްޕޮންސް ރަނގަޅު ކަމަށް އިންސާނުންގެ މެދުގައި ކޮށްފައިވާ ކުޑަ ދިރާސާއެއްގެ އެންމެ ފުރަތަމަ ނަތީޖާތަކުން ހާމަވެފައިވާ ކަމަށް ދުނިޔޭގެ ނަން މަޝްހޫރު ސައިންސް ޖާނަލް "ދަ ލާންސެޓް" އިން މިދިޔަ ހުކުރު ދުވަހު ނެރުނު ރިޕޯޓުގައި ސައިންސްވެރިން ބުނެފި އެވެ.

މިފަހަރުގެ ދިރާސާގައި ބައިވެރި ކޮށްފައި ވަނީ 76 މީހެކެވެ. މި ދިރާސާގެ އެންމެ ފުރަތަމަ ލިބުނު ނަތީޖާތަކުން ދެއްކި ގޮތުގައި ވެކްސިނަކީ އިންސާނުންނަށް ބޭނުންކުރުން ރައްކާތެރި އެއްޗެކެވެ. އަދި ވެކްސިން ދޭތާ 21 ދުވަހުގެ ތެރޭގައި ރަނގަޅު އެންޓިބޮޑީ ރެސްޕޮންސެއް ހަށިގަނޑުގައި އުފެދެ އެވެ. ދެ ވަނަ ޓްރަޔަލުން ދެއްކި ގޮތުގައި މި ވެކްސިން ޖަހާތާ 28 ދުވަހުގެ ތެރޭގައި ޓީ-ސެލް ރެސްޕޮންސް ވެސް އުފެދޭ ކަމަށް ވެސް ސައިންސްވެރިން ބުނެފައި ވެއެވެ.

މި ހޯދުންތައް ބިނާ ކޮށްފައިވަނީ 42 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ވަރަށް ކުޑަ ދެ ޓްރަޔަލް އެއްގެ މައްޗަށެވެ. އެއް ދިރާސާ ބިނާ ކުރީ ވެކްސިންގެ ފްރޯޒަން ފޯމިއުލޭޝަން އަށެވެ. އަނެއް ޓްރަޔަލް ފްރީޒް-ޑްރައިޑް ފޯމިއުލޭޝަން އަށެވެ.

މީގެ ފުރަތަމަ ވައްތަރަކީ އާއްމުކޮށް ދުނިޔޭގައި ބޭނުންކުރާ ވެކްސިންތައް އުފެއްދުމަށް ބޭނުންކުރާ ގޮތެވެ. ދެ ވަނަ ވައްތަރަކީ އެންމެ ދުރު ހިސާބުތަކަށް ފޯރު ކޮށްދިނުމަށް ތައްޔާރުކުރާ 2.8 ޑީގްރީ ސެލްސިއަސްގައި ބަހައްޓަން ޖެހޭ ވެކްސިނެއް ކަމަށް ވެސް ސައިންސްވެރިން ބުނެފައި ވެއެވެ.

ދެ ބަޔެއް ހިމެނޭ މި ވެކްސިންގައި ދެ ވައްތަރެއްގެ އެޑިނޯވައިރަސްގެ ވައްތަރުތައް ހިމަނާފައި ވެއެވެ. އެޑިނޯވައިރަހަކީ އާއްމުކޮށް މީހުންނަށް އަރިދަފުސް ރޯގާ ޖެހުމަށް މެދުވެރިވާ ވައިރަހެކެވެ. މި ވައިރަސް ވެސް ވެކްސިންގައި ހިމަނާފައި ވަނީ ވަރަށް ބަލިކަށިކޮށްފަ އެވެ. އެއީ ވެކްސިންގެ ގޮތުގައި އިންސާނާގެ ހަށިގަނޑަށް މި ވައިރަސް ވަނުމަށް ފަހު އިތުރުވެ ބަލި ޖެހުމުގެ ފުރުސަތު ނައްތާލުމަށެވެ.

މި ވެކްސިން ޖެހުމުން އިންސާނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ މަސައްކަތް ދެ ގޮތަކަށް ކުރާނެ އެވެ. އެއީ އެންޓިބޮޑީ އާއި ޓީ ސެލް ރެސްޕޮންސެވެ. އެހެންވީމާ ހަށިގަނޑަށް ވައިރަސް ވަދެ އެކި ދިމަދިމާލަށް ދަތުރު ކުރަން ފެށުމާއެކު ވެކްސިން އިން ހަށިގަނޑުގެ ދިފާއުގައި ހަމަލަދޭން ފަށާނެ އެވެ. އަދި ވައިރަސް އިން އިންފެކްޓްވެފައިވާ ސެލްތަކަށް ހަމަލާތައް ދޭނެ އެވެ.

"އެޑިނޯވައިރަސް ވެކްސިން އިންސާނާގެ ހަށިގަނޑުގެ ސެލްތަކަށް ވަނުމާއެކު، އެ ސެލްތަކަށް ސާސް-ކޮވި-2 ސްޕައިކް ޕްރޮޓީން ޖެނެޓިކް ކޯޑު ފޯރުކޮށްދޭނެ. މިގެ ސަބަބުން ސެލްތަކުން ޕްރޮޓީން އުފައްދަން ފަށާނެ. ވައިރަސް ދެނެގަނެ އެއަށް ހަމަލަދޭން ދިފާއީ ނިޒާމަށް ދަސްކޮށްދިނުމަށް މި ޕްރޮޓީން އެހީވެދޭނެ. ނަތީޖާއެއްގެ ގޮތުން ވައިރަސް އާ ދެކޮޅަށް ވަރަށް ބާރުގަދަ އިމިއުން ރެސްޕޮންސެއް ހަށިގަނޑުގައި އުފެދޭ. ވެކްސިން ދިނުމަށްފަހު އިތުރު ބޫސްޓާ ވެކްސިނެއް ދިނުން ވަރަށް މުހިއްމު،" ހަށިގަނޑަށް މި ވައިރަސް އާ ދެކޮޅަށް ހަނގުރާމަކުރަން ބޭނުންވާ ފުރިހަމަ ގާބިލްކަން ލިބޭނީ އޭރުން،" ވެކްސިން ތައްޔާރުކުރި ސައިންސްވެރިން ބުނެފައި ވެއެވެ.