ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެހެން ގައުމަކުން ވެކްސިން ގެންނާކަށް ނުވިސްނަން: ރަޝިއާ

ރަޝިއާ ނޫން ގައުމެއްގައި އުފައްދާ ކޮވިޑް ވެކްސިން އެ ގައުމުގައި ބޭނުން ކުރަން ވިސްނާފައި ނުވާ ކަމަށް ރިޔާސީ ގަނޑުވަރު، ކްރެމްލިންއިން ބުނެފި އެވެ. ކްރެމްލިންގެ ތަރުޖަމާނު ދިމިތުރީ ޕެސްކޯފް ވިދާޅުވީ މިވަގުތަށް އޮތް ވިސްނުމަކީ ރަޝިއާގައި އުފައްދާ ވެކްސިނުން ރައްޔިތުންނަށް ފޯރުކޮށް ދިނުން ކަމަށެވެ.

ރަޝިއާގައި ކޮވިޑްގެ ހާލަތު އޮތީ ކޮންޓްރޯލް ކުރަން ދަތި ހާލަތެއްގަ އެވެ. ވެކްސިނާ މެދު ރަޝިއާ މީހުން ދެކޭ ގޮތް ތަފާތު ވުމުން ވެކްސިން ޖެހުމަށް އާންމުންގެ މެދުގައި ހިތްވަރެއް ނެތް ކަމަށް ބުނެވެ އެވެ.

ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުން ވެކްސިން ޖަހަން ބޭނުންވާ މީހުން ވަރަށް މަދެވެ. މިހާތަށް ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 20 ޕަސެންޓް ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.

ރަޝިއާ މީހުން ވެކްސިން ޖަހަން ދެކޮޅު ހަދާ ސަބަބެއް ކަމަށް ހަބަރުތައް ބުނާ ގޮތުގައި ރަޝިއާގައި އުފައްދައި އާންމުންނަށް ދޭ ސުޕުޓްނިކްވީ ވެކްސިންއަކީ ޔޫރަޕުން ގަބޫލުކުރާ ވެކްސިނަކަށް ނުވުމެވެ.

ޔޫރަޕުން ސްޕުޓްނިކް ވެކްސިން ގަބޫލު ކުރަން ބޭނުން ނުވަނީ ސިޔާސީ ކަމަކަށް ހަދައިގެން ކަމެއް ރަޝިއާގެ ގިނަ މީހުން ނުދަނެ އެވެ. ދުނިޔޭގައި ކޮވިޑް ވެކްސިން އުފެއްދުމާއި އެއިން ވިޔަފާރިކުރުން މިހާރު ވެފައި އޮތީ ވާދަވެރި ހަނގުރާމައަކަށެވެ.

ރަޝިއާ މީހުން ޝައުގުވެރި ކުރުވަން ގައުމުން ބޭރުން ވެކްސިން އެތެރެކުރުމާ މެދު ވިސްނުމަކީ ކޮބައިތޯ ދެންނެވުމުން ދިމިތުރީ ޕެސްކޯފް ވިދާޅުވީ އާންމުންނަށް ފުދި ބާކީވާ ވަރަށް ރަޝިއާގައި ވެކްސިން އުފެއްދޭ ކަމަށެވެ. އޭނާ ވިދާޅުވީ ރަޝިއާގައި ކޮވިޑަށް ހަތަރު ވެކްސިނެއް އުފައްދާ ކަމަށާއި އެވަރުން ވަކި ވެކްސިނެއް އިޚުތިޔާރު ކުރެވެން ވާނެ ކަމަށެވެ.

ރަޝިއާގައި އުފައްދާ ހަތަރު ވެކްސިނަކީ ސްޕުޓްނިކްވީ ވެކްސިނާއި އެޕިވެކްކޮރޯނާ އާއި ކޮވިވެކް އަދި ސްޕްޓްނިކް ލައިޓެވެ.

ރަޝިއާގެ ރައިސް ލަޑިމިއާ ޕޫޓިން ވިދާޅުވި ގޮތުގައި ސްޕުޓްނިކްވީ ވެކްސިނަށް ވުރެ ކޮވިޑަށް ރަނގަޅު އެހެން ވެކްސިނެއް ނެތެވެ. ސްޕްޓުނިކް ވެކްސިނަށް 67 ގައުމަކުން ރުހުން ދީފައިވެ އެވެ. އޭގެ ތެރޭގައި ބެލަރުސް އާއި އާރުމީނިއާ، އިރާން އާއި ވެނެޒުއެލާ، އާޖެންޓިނާ، ބްރެޒިލް އާއި އިންޑިއާ އަދި ޕާކިސްތާން ހިިމެނެ އެވެ.