ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޖަރުމަނުން 30 މިލިއަން ސްޕުޓްނިކްވީ ވެކްސިން ގަންނަނީ

ޖަރުމަނު ވިލާތުން ސްޕުޓްނިކްވީގެ 30 މިލިއަން ކޮވިޑް ވެކްސިން ޑޯޒް ގަންނަން އެއްބަސްވެއްޖެ އެވެ. ސެކްސޮނީގެ މިނިސްޓާ-ޕްރެޒިޑެންޓް މައިކަލް ކްރެޗްމާ ވިދާޅުވީ ވެކްސިން ޝިޕްމަންޓްތަކަށް އޯޑަރު ދެއްވާނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށާއި ކޮންމެ ޝިޕްމަންޓެއްގައި 10 މިލިއަން ޑޯޒް ހިމެނޭނެ ކަމަށެވެ. އަދި ވިދާޅުވީ ޖުލައި މަސް ނިމުމުގެ ކުރިން 30 މިލިއަން ޑޯޒަށް އޯޑަރު ދެއްވައި ހަލާސް ކުރައްވާނެ ކަމަށެވެ.

ރަޝިއާގެ ސްޕުޓްނިކްވީ ވެކްސިނަށް ޔޫރަޕިއަން މެޑިސިންސް އޭޖެންސީން (އީއެމްއޭ) ގެ ރުހުން ލިބެން ޖެހެ އެވެ. ކްރެޗްމާ ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އެ ހުއްދަ ލިބިވަޑަގަންނަވާނެ ކަމަށެވެ.

ރަޝިއާއިން ކޮވިޑް ވެކްސިން ގަތުމަށްޓަކައި 61 ގައުމަކުން އެދިފައިވާ ކަމަށާއި އީއެމްއޭއިން އެ ހުއްދަ އަދި ނުދޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ބެލެވޭ ގޮތުގައި އީއެމްއޭއަށް ބޭނުންވާ ވަރަށް ސްޕުޓްނިކް ވެކްސިން އަދި ޓެސްޓް ނުކުރެވެނީ އެވެ. އީއެމްއޭއިން ބުނީ މަސައްކަތްތައް އަވަސް ކުރާނެ ކަމަށާއި މިހާރު ކުރިއަށް ދަނީ ފެންވަރު ބެލުން ކަމަށެވެ.

ރަޝިއާއާއެކު ވެކްސިނާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ޖަރުމަންގެ ހެލްތު މިނިސްޓަރު ޔެންސް ސްޕާން ކުރިން ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޝްވަރާތައް ކުރިއަށްދާ ގޮތަކަށް ބައްލަވައި ވެކްސިނަށް އޯޑަރުދެއްވާނެ ކަމަށެވެ.

ޔޫރަޕް ގިނަ ގައުމުތަކުގައި ކޮވިޑަށް މިހާރު ދެނީ މޮޑާނާ އާއި އޮކްސްފޯޑް / އެސްޓްރަޒެނެކާ، ޖޯންސަން އެންޑް ޖޯންސަން އަދި ފައިޒާ / ބަޔޮންޓެކް އެވެ.