ސްރީލަންކާގައި ކޮވިޑުން ރައްކާތެރިވުމަށް ބޭނުންކުރުމަށް ރަޝިއާގެ ސްޕުޓްނިކް-ވީ ވެކްސިނަށް ސްރީ ލަންކާ މެޑިސީންސް ރެގިއުލޭޓަރީ އޮތޯރިޓީ (އެންއެމްއާރުއޭ) އިން ހުއްދަދީފި ކަމަށް އެ ގަމުގެ ނޫސްތަކުން ބުނެފި އެވެ. ރައީސްގެ ސީނިއާ އެޑްވައިޒާ ލަލިތު ވިރަތުންގާ ވެސް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ ލަސްތަކެއް ނުވެ ސްޕުޓްނިކް-ވީ ވެކްސިން ލިބެން ފަށާނެ ކަމަށެވެ.
ލަލިތު ވިރަތުންގާ ވިދާޅުވީ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއާ ގުޅުއްވައި ކޮވިޑުން އަރައިގަތުމަށް ލަންކާގައި ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ރައީސް ގޮތަބަޔާ ރާޖަޕަކްސަ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ލަންކާއަށް ލިބޭ ސްޕުޓްނިކް-ވީ ފުރަތަމަ ޝިޕްމަންޓަކީ ރަޝިއާއިން ދޭ އެހީއެއް ކަމަށެވެ. އަދި ސްޕުޓްނިކް-ވީ ވެކްސިން ލަންކާއަށް ގަތުމަށްޓަކައި ރަނގަޅު އަގަކާ މެދުވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.
ލަންކާގައި ވެކްސިން ދިނުމުގައި ވީއައިޕީ ޚިދުމަތެއް ނޯންނާނެ ކަމަށް ލަލިތު ވިދާޅުވި އެވެ. ޢޭނާ ވިދާޅުވީ އޮންނާނީ ފުރަތަމަ އަންނަ މީހަކަށް ފުރަތަމަ ޚިދުމަތް ދިނުން ކަމަށެވެ. އެހެން ނަމަވެސް ދޮށީ އުމުރުފުރައަށް ޚާއްސަ އިނާޔަތްތަކެއް އޮންނާނެ ކަމަށެވެ.
ރައިސްގެ އެޑްވައިޒަރު ވިދާޅުވީ ދޮށީ އުމުރުފުރައަށް ހުރިހާ ކަމެއް ފަސޭހަ ކޮށްދިނުމަށް ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ ވިސްނުމަކީ ވަކި ދުވަހެއް އެއުމުރުފުރައަށް ޚާއްސަކުރުން ކަމަށެވެ.
ލަންކާއަށް ވެކްސިން ލިބޭ ވަރަކުން ވެކްސިން ސެންޓަރުތައް އިތުރު ކުރައްވާނެ ކަމަށް ވެސް ލަލިތު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސްޕުޓްނިކް-ވެކްސިން ލިބެން ފެށުމުން އިތުރު އަވަށްތަކުގައި ވެސް ވެކްސިން ސެންޓަރުތައް ގާޢިމުކުރައްވާނެ ކަމަށެވެ.
ލަންކާއިން ބުނީ ވެކްސިން ހޯދުމަށްޓަކައި އެންމެ ބޮޑަށް ބުރަވެވެނީ ރަޝިއާ އަދި ޗައިނާއަށް ކަމަށެވެ. އަދި ޑިޕްލޮމެޓިކް ޗެނަލްތަކުން އެ ދެގައުމާ މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.