ހަބަރު

ރަން ފޯ މޯލްޑިވްސްގެ، ރަން ޑައިރެކްޓަރަކަށް ޝަރަފު

Sep 6, 2020

ޓޫރިޒަމް ދުވަހު ފަށާ، "ރަން ފޯ މޯލްޑިވްސް" ދުވުމުގެ ޑައިރެކްޓަރަކަށް ދިގު ދުވުންތެރިޔާ، އަހުމަދު ޝަރަފު ހަމަޖައްސައިފި އެވެ.

ޝަރަފުވަނީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު އެއް ދުވުންތެރިޔާ ކަމަށްވާ ޑރ. ހުސައިން ހަލީމް (ކުޑަހުސެން) ގެ 27 އަހަރުވީ ރެކޯޑް މުގުރާލާފަ އެވެ. އަދި މިހާރު އޭނާ ދަނީ މޮރޮކޯގައި ތަމްރީން ތަކެއް ފުރިހަމަ ކުރަމުންނެވެ.

މޮރޮކޯގައި ހުރެ އަވަސް އަށް ވާހަކަ ދައްކަމުން ޝަރަފު ބުނީ "ރަން ފޯ މޯލްޑިވްސް" އަކީ އިންޓަނޭޝަނަލް ވާޗުއަލް ދުވުމަކަަށް ވުމުން މިއީ ރާއްޖޭގެ ޓޫރިޒަމަށް ވެސް މުހިންމު ހަރަކާތަކަށް ވާނެ ކަމަށެވެ.

"ބޭރުން ވެސް އެކި ގައުމުތަކުން ބައިވެރި ވާނެ. މިކޮޅުން [މޮރޮކޯ] އިން ވެސް ތިން ޓީމެއް ވާދަ ކުރާނެ. މިއީ ޓޫރިޒަމް ޕްރޮމޯޓް ކުރަން ވެސް މުހިންމު އިވެންޓެއް،" ޝަރަފު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދުވުމަށް ލޯބި ކުރާ ގިނަ ބަޔަކު މި އިވެންޓުގެ ބޭނުން ހިފާނެ ކަމަށް އުންމީދު ކުރާ ކަމަށާ މިއީ ޗެރިޓީއަށް އެހީވާން ބޭނުންވާ ފަރާތް ތަކަށް ވެސް ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ.

"ވަކި ޓާގެޓެއް ކަނޑައަޅައިގެން އެ އަށް މަސައްކަތް ކުރުމަށް މިއީ ރަނގަޅު ފުރުސަތެއް. މިހާރުން ފެށިގެން ޓްރެއިން ވެގެން ދުވުމުގައި ބައިވެރިވާންވީ،"

ދުވުން ފަށާނީ 27 ވަނަ ދުވަހު

ޔުނިކް ސްޕޯޓްސް އިން އިންތިޒާމު ކުރާ މި ދުވުމުގައި ބައިވެރިވާން ވަނީ ހުޅުވާލާފަ އެވެ. އަދި މި ދުވުން އޮންނާނީ ދުނިޔޭގެ ޓޫރިޒަމް ދުވަސް ކަމަށްވާ މިމަހުގެ 27 ވަނަ ދުވަހު އެވެ. މި ދުވުން ބާއްވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހިދުމަތްތެރިންގެ އަގު ވަޒަން ކުރުމުގެ އިތުރު ޓޫރިޒަމް ހުޅުވުމާއެކު ރާއްޖެ އަންނަން މީހުންގެ މެދުގައި ޝައުގުވެރިކަން އުފައްދާށެވެ.

ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ދުވުމުގެ ހަތަރު ގިންތިއަށް ވެސް ނަން ދީފައި ވަނީ ރާއްޖެއާ ގުޅުވައިގެންނެވެ. ދުވުމުގެ 5.5 ކިލޯ މީޓަރަށް ކިޔަނީ "ސިޓީ ލިންކް" އެވެ. އަދި 16 ކިލޯ މީޓަރަކީ "އައްޑޫ ލިންކް" އެވެ. އަދި 21 ކިލޯ މީޓަރަކީ "ލާމު ލިންކް" އެވެ. މީގެ އިތުރުން އިތުރުން 870 ކިލޯ މީޓަރަށް ދީފައިވާ ނަމަކީ "ރާއްޖެ ލިންކް" އެވެ. މި ދުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް މެޑަލް ގެއަށް ފޮނުވައިދޭނެ އެވެ.

ރަން ފޯ މޯލްޑިވްސްއަކީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އިން އެންޑޯޒްކޮށްފައިވާ އިވެންޓެކެވެ. މި އިވެންޓުގައި ރާއްޖޭގައި ހިންގާ މަޝްހޫރު ގިނަ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ވަނީ ބައިވެރިވެފަ އެވެ. އިވެންޓުން ހޮވޭ 20 ފަރާތަކަށް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ދެ ލައްކަ ޑޮލަރުގެ އިންޝުއަރެންސް ކަވަރޭޖެއް މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ލިބޭނެ އެވެ. މި އިވެންޓުގެ ޗެރިޓީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވަނީ ތެލެސީމިއާ ސޮސައިޓީ އާއި މޯލްޑިވްސް ރެޑްރެެސެންޓް އެވެ.

މި ދުވުމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "އަވަސް" އޮންލައިނެވެ.