ހަބަރު

ސީއެސްސީގެ ރައީސަށް ނާސިހު، ނައިބަކަށް ރަޝީދު

Sep 6, 2020

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ކަމަށް މުހައްމަދު ނާސިހު އަދި ނައިބަކަށް އިބްރާހިމް ރަޝީދު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުން ރުހުން ލިބިގެން ސީއެސްސީއަށް ދާދި ފަހުން އައްޔަނުކޮށްފައިވަނީ، ނާސިހާއި އިބްރާހިމް ރަޝީދުގެ އިތުރުން ފާތިމަތު ޝަރީފް އާއި މުހައްމަދު ފަރުސަތު އެވެ.

ސީއެސްސީއަށް އައްޔަނުކުރާ މެންބަރުންގެ ތެރެއިން ރައީސާއި ނައިބު ރައީސަކު އައްޔަނުކުރާނީ މަޖިލީހުން ފާސްކޮށްގެނެވެ.

އެގޮތުން، މިއަދުގެ ޖަލްސާގައި ރައީސްކަމަށް ނާސިހުއަދި ނައިބަކަށް އިބްރާހިމް ރަޝީދުގެ ނަން ހުށަހެޅި، ނެގުނު ވޯޓުގައި އެކަން ފާސްވެގެން ދިއައީ ވޯޓުގައި ބައިވެރިވި މެންބަރުން އިއްތިފާގުންނެވެ.

ސީއެސްސީގެ ހަތަރު މެންބަރުންގެ މަގާމު ހުސްވެގެން ދިޔައީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ކަމުގައި ހުންނެވި ޝަހީދު މުހައްމަދު އާއި، މެންބަރު ކަމުގައި ހުންނެވި ޒަކަރިއްޔާ ހުސައިން އިސްތިއުފާ ދެއްވުމުންނާއި މެންބަރު ކަން ކުރެއްވި އިބްރާހިމް ޝަހީގު ވަކިކުރަން މަޖިލީހުން ފާސްކުރުމުންނެވެ.

މިއަދު މެންބަރުން އައްޔަން ކުރެއްވުމާއި ހަމައަށް ސީއެސްސީގައި އިންނެވީ މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ. އާމިރާ އަކީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ބޮޑު ދައިތަ އެވެ. ކޮމިޓީން އާމިރާގެ މައްސަލަ ބެލި ނަމަވެސް ނިންމީ ވަކިނުކުރުމަށެވެ. އެ ކަމުގައި ރޮޒައިނާ ބައިވެރިއެއް ނުވެ އެވެ.