ކުޅިވަރު

ޓީޓީ ސަސްޕެންޑް ކުރާނެކަމުގެ އިންޒާރު ދީފި

ރާއްޖޭގެ ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު، ޓީޓީގެ ބައިނަލްއަގްވާމީ ޖަމްއިއްޔާ، އައިޓީޓީއެފް އިން ދީފި އެވެ.

އައިޓީޓީއެފް އިން ޓީޓީއޭއެމްގެ ރައސް އަލީ ރަޝީދަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، އައިޓީޓީއެފްގެ ގަވާއިދާ ރާއްޖެއިން ހިލާފު ވެއްޖެނަމަ ރާއްޖޭގެ ޓޭބަލްޓެނިސް އެސޯސިއޭޝަން ސަސްޕެންޑް ކުރުމަށް ފަސް ނުޖެހޭނެ ކަމަށެވެ.

އައިޓީޓީއެފްގެ މެންބާ ރިލޭޝަން ޑައިރެކްޓާ މުނީރު ބައްސާހް، ސޮއި ކުރައްވައި ޓީޓީއޭއެމްއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ޓީޓީއޭއެމްގެ އަސާސީ ގަވާއިދު ބަދަލު ކުރުމަށް އެދި، އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ތިން މެންބަރަކު ހުށަހަޅާފައިވާ ހުށަހެޅުމަކީ ގަވާއިދުގެ ތެރެއިން ހުށަހަޅާފައިވާ ކަމެއް ނޫންކަން ޓީޓީއޭއެމުން ފޮނުވި ސިޓީގައި ހިމަނާފައިވާ މައުލޫމާތުން އެނގިގެންދާ ކަމަށެވެ.

"ދުނިޔޭގެ އެއްވެސް މެންބަރު އެސޯސިއޭޝަނަކުން ގަވާއިދާ ހިލާފު ވެއްޖެނަމަ، އެ އެސޯސިއޭޝަނެއްގެ ބާރު ކަނޑުވާލުމުގެ އިހްތިޔާރު ބޭނުން ކުރާނަމެވެ. އެއީ ދިވެހިރާއްޖޭގެެ ޓޭބަލް ޓެނިސް އެސޯސިއޭޝަން ކަމުގައިވިއަސް ވެހެވެ." އައިޓީޓީއެފްގެ ސިޓީ ނިންމާލަމުން ބުނެފައި ވެއެވެ.

އައިޓިޓީއެފުން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ދީފައި މިވަނީ، އެއެސޯސިއޭޝަންގެ މިހާރު އޮތް އެކްސްކޯގެ މެންބަރު އަދި ކުރިއަށް އޮތް އިންތިހާބުގައިވެސް އެކްސްކޯއަށް ވާދަ ކުރާ މެންބަރު އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ގެ ފަރާތުން ރާއްޖޭގެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. ޓީޓީއޭއެމްގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިގެން ނުބެލޭނެކަން ހާމަ ކުރަމުން އައިޓީއެފްގެ ސިޓީގައި ބުނެފައި ވަނީ މިހެންނެވެ.

"އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރުމުގައި ރާއްޖެއިން ނަމަ އެކަމުގެ އެންމެ އިސް ފަރާތަކީ ރާއްޖޭގެ ސްޕޯޓްސް ކައުންސިލުކަން އައިޓީއެފުން ގަބޫލުކޮށް އިހްތިރާމް ކުރަމެވެ."

ސިވިލް ކޯޓަށް ތާޅަފިލި އަލިބެ ހުށަހައްޅުއްވާފައިވާ މައްސަލައިގައި ވަކާލާތު ކުރައްވަނީ ކުރިން ޓީޓީ ކުޅުއްވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅުނގުދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ. މިދިޔަ ބުރާސްފަތި ދުވަހު އަވަސްއަށް ދެއްވި އިންޓަވިއުގައި ހަސަން ވިދާޅުވީ، ލޯކަލް އެސޯސިއޭޝަނެއްގެ އިންތިހާބާ ގުޅިގެން ރާއްޖޭގެ ކޯޓުން ނިންމާ ނިންމުމަކުން އިންޓަނޭޝަނަލް ފެޑްރޭޝަނުން ރާއްޖެ ސަސްޕެންޑް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ފުޓްބޯޅައިގައި ފީފާގެ ތެރެއިން ގަވާއިދު އެހެން އޮތްނަމަވެސް އައިޓީޓީއެފްގެ ގަވާއިދު ތަފާތު ވާނެ ކަމަށް ހަސަން އެދުވަހު ވިދާޅުވި އެވެ.

ޓީޓީ އެސޯސިއޭޝަންގެ ވަކީލު މުހައްމަދު ޖައުޝަން ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި މައްސަލަ ކޯޓަށް ހުށަހަޅުއްވާފައިވާ ފަރާތުން ރާއްޖެ ސަސްޕެންޑް ނުވާނެ ކަމަށް ބުނެ ވާހަކަ ދައްކަނީ މައްސަލައިގެ ހަގީގަތް އޮޅުވާލުމުގެ ބޭނުމުގައި ކަމަށެވެ.

"ހަގީގަތަކީ މިއަދު ދިވެހިރާއްޖެގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނަށް ކުރިމަތި ވެގެން މިއުޅޭ މައްސަލައިގެ އާހިރު ނަތީޖާއަކަށް ވެގެންދާނީ މި އެސޯސިއޭޝަން ސަސްޕެންޑް ވުން،" ޖައުޝަން ވިދާޅުވި އެވެ. "މާދަމާ މި އެސޯސިއޭޝަން ސަސްޕެންޑްވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ކުޅިވަރު ދެކެ ލޯބިވާ ކުޅިވަރަށް އިހުތިރާމު ކުރާ އެއްވެސް ބޭފުޅަކު ބޭނުންވާނެ ކަމެއް ނޫން، ޓީޓީ އެސޯސިއޭޝަންގެ މަސްލަހަތު ހިމާޔަތް ކުރުމަކީ ކޯޓަށް ވަޑައިގެންނެވި ބޭފުޅުނާއި އެސޯސިއޭޝަންގެ އެންމެހާ މެންބަރުގެ ޒިންމާއެއް، އެ މަސްލަހަތު ހިމާޔަތެއް ނުކުރެވޭނެ ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ވެގެނެއް."

އަވަސް އަށް ހަސަން ލަތީފު ވިދާޅުވެފައި ވަނީ ކޯޓަށް ދާން ނިންމީ، ރާއްޖޭގެ ކުޅިވަރުގެ ގާނުނުގެ ތެރެއިން އެކަށީގެންވާ ހައްލެއް ނުލިބުމުން ކަމަށެވެ.

"ކޯޓަށް ދާން އަޅުގަނޑުމެން ނިންމީ އެހެން ގޮތެއް ނެތިގެން،" ހަސަން ވިދާޅުވެފައި ވެ އެވެ. "އެހެން ގޮތެއް ނެތޭ މިދަންނަވަނީ، ސްޕޯޓްސް ކައުންސިލުން އޮތީ (ކުޅިވަރުގެ) އަބިޓްރޭޝަން ގަވާއިދެއްވެސް ހަދަން ޖެހިފައި، އެހެންނަމަވެސް ފަސް އަހަރު ވެގެންދިޔައިރުވެސް އެ ގަވާއިދުވެސް އޮތީ ނުހަދާ، ދެން އިތުރު އެހެން ގޮތެއް ނެތުނީމަ މި އެވިނިއު [މިމަގު] އިހްތިޔާރު މިކުރީ."

ޖައުޝަން ވިދާޅުވީ، ސްޕޯޓްސް ކައުންސިލުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހިގެން ދެން ދާންޖެހޭ ތަނެއް ނޭންގިގެން ކޯޓަށް ދާން ނިންމީ އެ ފަރާތްތަކަށް ގާނޫނު ރަނގަޅަށް އެނގިވަޑައި ނުގަންނަވާތީ ކަމަށެވެ. އޭނާ ވިދާޅުވީ، ސްޕޯޓްސް ކައުންސިލުން މައްސަލަ ނިންމި ގޮތާމެދު ހިތްހަމަނުޖެހޭނަމަ، ދެން އަމަލު ކުރަން ޖެހޭނެ އުސޫލަކީ ކޮބައިކަން އައިޓީޓީއެފްގެ ގަވާއިދާ އޮލިމްޕިކް ކޮލިޓީގެ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ސްޕޯޓްސް ކައުންސިލުން އެބޭފުޅުންގެ ހިތަށް ތަސްލީއެއް ލިބޭފަދަ ޖަވާބެއް ލިބިފައި ނުވުމަކީ ދެން ކޯޓަށް ދަން ޖެހޭ ކަމެއް ނޫން އެ ޖަވާބު ހޯދުމަށްޓަކައި އެބޭފުޅުން ދާން ޖެހޭނީ އިންޓަނޭޝަނަލް ޓީޓީ ފެޑްރޭޝަންއަށް، އައީޓީޓީއެފް ދަށުން ހިމެނޭ ކޮމިޓީތަކަށް އޭގެ ތެރޭގައި އެބަ ހިމެނޭ އެޕީލް ކޮމިޓީތައް، އެވަރުންވެސް ހިތްހަމަޖެހޭ ޖަވާބެއް ނުލިބޭ ކަމަށްވަންޏާ އިންޓަނޭޝަނަލް ސްޕޯޓްސް އާބިޓްރޭޝަން ކޯޓަށް، އެތަނުންވެސް ހިތްހަމަ ނުޖެހޭ ކަމަށް ވާނަމަ ސްވިސް ޓްރިބިއުނަލްއަށް ހުށަހަޅައިގެންވެސް މި މައްސަލަ ބެލޭނެ ހާލަތަށް އެބަ އާދޭ، އޭގައި ނެތް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓެއްގެ ވާހަކަ އެއް."