ދުނިޔެ

އިޒުރޭލުގެ ހަމަލައެއްގައި ގަޒާގެ މާބަނޑު މީހަކާއި އޭނާގެ ދަރިފުޅު މަރާލައިފި

ގާޒާ (ރޮއިޓާރސް) - އިޒްރޭލުން ގާޒާގެ ގެއަކަށް ހަމަލާދީ މާބަނޑު މީހަކާއި އޭނާގެ އަންހެން ދަރިފުޅު މަރާލައިފި އެވެ.

އިޒްރޭލުގެ މި ހަމަލާ ގެއަކަށް އަމާޒުވެފައި ވާއިރު، އެގައުމުން ބުނެފައި ވަނީ ހަމަލާ ދިނީ ހަމާސްގެ ހަތިޔާރު ރައްކާކުރާ ދެ ސައިޓަކަށް ކަމަށެވެ. އަދި މި ހަމަލާތައް ދިނީ އިއްޔެ އާއި އޭގެ ކުރީ ދުވަހު ހަމާސް އިން އިޒްރޭލަށް ފޮނުވާލި ރޮކެޓު ހަމަލާތަކެއްގެ ބަދަލުގައި ކަމަށެވެ. ހަމާސްއިން ބުނީ މިއީ އެމީހުންނާ ގުޅުމެއް ނެތް ހަމަލާތަކެއް ކަމަށެވެ.

މަންޒަރުދުށް މީހުންނާ ހަވާލާދީ ރޮއިޓާސް އިން ބުނަނީ މި ހަމަލާ ދީފައިވަނީ ހަމާސްގެ ސައިޓަކަށް ކަމަށާއި ހަމަލާގެ ބާރު ގަދަ ކަމުން ކައިރި ހިސާބެއްގައި ހުރި ގެއެއްވެސް ގޮވީ ކަމަށެވެ. އޭރު އެގޭގެ މީހުން ތިބީ ނިދާފައި ކަމަށެވެ.

އިޒްރޭލުގެ މި ހަމަލާގައި މަރުވި 30 އަހަރުގެ މާބަނޑު މީހާ އާއި އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅުގެ އިތުރުން ފަސް އަހަރުގެ ކުއްޖަކާއި ފިރިހެނަކު ޒަހަމްވިއެވެ.

އިޒްރޭލުން ހަމާސްގެ ބޮލުގައި ޒިންމާ އަޅުވާއިރު ރޮކެޓު ހަމަލާ ތަކުގެ ޒިންމާ އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ. އަދި މި ހަމަލާތަކުގައި އިޒްރޭލުގެ އެއްވެސް މީހަކަށް ވެސް އަދި ތަނަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ވޭތުވެދިޔަ 12 ދުވަހު އިޒްރޭލާއި ފަލަސްތީނާއި ދެމެދު ހިނގި ހަމަނުޖެހުން ތަކުގަޔާއި ބަދަލު ކުރެވުނު ހަމަލާތަކުގައި ފަލަސްތީނުގެ 22 މީހަކާއި އިޒްރޭލުގެ ހަތަރު މީހަކު މަރުވެފައިވެއެވެ. އަދި މި ހަމަނުޖެހުންތައް އިތުރުވަމުންދާ މިންވަރަށާއި އިޒްރޭލުގެ ހަރުކަށި އަމަލުތައް ހުންނަ ގޮތަށް ބަލާއިރު، ފަލަސްތީނުގެ ތިންވަނަ އިންތިފާޟާ ފެށިދާނެ ކަމުގެ އަޑު ވަނީ ގަދަވެފައެވެ.