މާލެ ކުޑަޔަސް ދިރި އުޅޭ މީހުން ގިނަ އެވެ. ދުއްވާ އުޅަނދު ފަހަރު އެއަށް ވުރެ ވެސް ގިނަ އެވެ. އެކަމަކު މި ވެހިކަލްތައް މަދު ކުރެވޭނެ އެއްވެސް ގޮތެއް ނެތި މާލެ ދަނީ ދުމުން ކޮށި އަރަމުންނެވެ. މިހާރު އެންމެ އަވަހަށް ގެނެވޭނެ އެއް ބަދަލަކީ ތެޔޮ އަޅައިގެން ދުއްވާ އުޅަނދުތައް ބެޓެރި އުޅަނދު ފަހަރަށް ބަދަލު ކުރުމެވެ. މި މަސައްކަތުގައި ރާއްޖޭގެ ބޮޑު އެއް ކުންފުނި ކަމަށްވާ ހެޕީ މާކެޓިން ވަނީ އިސް ނަގައި އަމަލީ ގޮތުން މަސައްކަތް ފަށާފަ އެވެ. އެ ކުންފުނީގެ މަގުސަދަކީ މާލެތެރޭގައި ދުއްވާ ހުރިހާ އުޅަނދު ތަކެއް ތިމާވެއްޓާ ރަހުމަތްތެރި އުޅަނދު ފަހަރަށް ބަދަލު ކުރުމެވެ. ހެޕީ މާކެޓުގެ ގްރީން ފްލީޓުގެ މަގުސަދަކީ އެއީ އެވެ.
"[ގްރީން ފްލީޓް] ފެށުމުގައި މައިގަނޑު މަގުސަދަކީ އަޅުގަނޑުމެން ކުންފުންޏަކީ ވެސް ޒިންމާދާރު ކުންފުންޏެއްގެ ގޮތުގައި މަސައްކަތް ކުރުން. އިޖުތިމާއީ ޒިންމާ އަދާ ކުރުން،" ހެޕީ މާކެޓުގެ ސީއީއޯ، އަލީ އިހުސާން ވިދާޅުވި އެވެ.
ހެޕީ މާކެޓުން މާލެތޭގައި ޑެލިވަރީގެ ހިދުމަތް ދިނުމާއި މުދާ އުފުލުމުގައި 30 އުޅަނދެއްގެ ބޭނުން ހިފަ އެވެ. އެ ކުންފުނިން މިހާރު މަސައްކަތް ކުރަނީ އެ ހުރިހާ އުޅަނދު ތަކެއް ތިމާވެއްޓާ ރަހުމަތްތެރި އުޅަނދު ފަހަރަށް ބަދަލު ކުރާށެވެ. މިހާރު ވެސް އެ ކުންފުނީގެ "ގްރީން ފްލީޓު" ގެ ހަރަކާތްތެރި ވުން ފެނެ އެވެ.
"މި ބަދަލުގެ ސަބަބުން އަޅުގަނޑުމެންގެ އޮޕަރޭޓިން އެކްސްޕެންސަސް ވެސް ދަށްވާނެ،" އިހުސާން ވިދާޅުވި އެވެ.
މިހާރު އެ ކުންފުނިން މުދާ އުފުލާ އުޅަނދު ފަހަރުގެ މަރާމާތާއި ތެލުގެ ހަރަދަށް އެކަނި މަހަކު ލައްކައަކަށްވުރެ ގިނަ ރުފިޔާ ހޭދަވެ އެވެ. އެހެންވެ، މި ބަދަލުގެ ސަބަބުން މި އަދަދު ސަލާމަތް ކުރުމަކީ އެ ކުންފުނީގެ އެއް އަމާޒެވެ. މި އުޅަނދުތައް ތިމާވެއްޓާ ރަހުމަތްތެރި އުޅަނދު ފަހަރަށް ބަދަލު ކުރުމާއެކު ދެން އެ ކުންފުނިން ބޭނުން ކުރަނީ ކަސްޓަމުން މުދާ ނެރެން ބޭނުންކުރާ ހަތަރު ލޮރީ އެވެ.
އިހުސާން ވިދާޅުވި ގޮތުގައި ބެޓެރިން ދުއްވާ މި އުޅަނދުތައް 18 ގަޑިއިރު ދުއްވޭނެ ކަމަށެވެ.
"ގްރީން ފްލީޓުގެ މަސައްކަތް ފަށަން ހުޅުމާލެ އާއި މާލޭގެ ގުދަންތަކުގައ ޗާޖިން ޕޮއިންޓްތައް ވެސް ވާނީ ހަދާފަ. އެހެންވެ ކޮންމެ ރެއަކު ވެސް އޮޕަރޭޝަން ނިންމާފަ ގޮސް ޗާޖު ކުރާނެ،" އިހުސާން ވިދާޅުވި އެވެ. "އާއްމުކޮށް ދެ ޝިފްޓަށް މަސައްކަތް ކުރާއިރު އެންމެ ގިނައިން ވެސް އުޅަނދެއް މި ދުއްވަނީ 12 ގަޑިއރު. އެހެންވެ މިއީ ވަރަށް މުހިންމު ބަދަލެއް."