ވިޔަފާރި

މި އަހަރު މިހާތަނަށް ދައުލަތައް 10 ބިލިއަން ރުފިޔާ! 16 ޕަސެންޓް އިތުރު

  • ޖީއެސްޓީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 4.6 ބިލިއަން ރުފިޔާ ލިބުނު
  • ބީޕީޓީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވޭ
  • މިދިޔަ މަހު އާމްދަނީގެ ގޮތުގައި 889 މިލިއަން ރުފިޔާ ލިބުނު

މި އަހަރުގެ މިހާތަނަށް ދައުލަތައް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 16.2 ޕަސެންޓް އިތުރުވެފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން ބުނެފި އެވެ.

މީރާއިން މިދިޔަ މަހު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ވޭތުވެދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ދައުލަތައް 10.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ނުވަ މަސް ދުވަހު ދައުލަތައް ލިބިފައިވަނީ 9.0 ބިލިއަން ރުފިޔާ އެވެ. މިއީ 16.2 ޕަސެންޓުގެ ކުރިއެރުމެކެވެ.

މި އަހަރުގެ މިހާތަނަށް ބަލައިގަތް އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގަ އެވެ. ޖީއެސްޓީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބުނެވެ. އަދި އާމްދަނީއަށް ދެވަނައަށް އެންމެ ބޮޑު ހިއްސާއެއްވީ ބީޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބުނު 2.5 ބިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 930.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 512.7 މިލިއަން ރުފިޔާ ލިބުނެވެ. މީގެ އިތުރުރުން އެއަރޕޯޓް ސަވިސް ޗާޖުގެ ގޮތުގައި 356.1 މިލިއަން ރުފިޔާ މި އަހަރުގެ މިހާތަނަށް ލިބިފައިވެ އެވެ.

މީރާއަށް ބަލައިގަތް އާމްދަނީ މަހުން މަހަށް ބަލާއިރު، ނިމިދިޔަ މަހު 889 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު 838.9 މިލިއަން ރުފިޔާއާ އަޅާބަލާއިރު ހަ ޕަސެންޓުގެ ކުރިއެރުމެކެވެ. މީގެ އިތުރުން އެމެރިކާ ޑޮލަރުގެ ގޮތުގައި 40.7 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެގޮތުން މިދިޔަ މަހު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ވެސް ޖީއެސްޓީ އެވެ. އެއީ 465.2 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން މިދިޔަ މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 241.1 މިލިއަން ރުފިޔާ ލިބުނެވެ. އަދި ބީޕީޓީގެ ގޮތުގައި 71.3 މިލިއަން ރުފިޔާ ލިބުނެވެ.