އިގްތިސޯދު

ރާއްޖޭގެ ދަރަނި މަތިވެ، 73 ބިލިއަން ރުފިޔާ އަށް

Sep 7, 2020
2

ރާއްޖޭގެ ޖުމްލަ ދަރަނި 73 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ޖޫން މަހުގެ ނިޔަލަށް އާއްމު ކޮށްފައިވާ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ގެރެންޓީ ދޫކޮށްފައިވާ ދަރަނި ހިމަނައިގެން ބަލާނަމަ މިހާރު ހުރީ 73.9 ބިލިއަން ރުފިޔާގަ އެވެ. މި ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ވަނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 108 ޕަސެންޓުގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 55 ޕަސެންޓުގަ އެވެ.

މިހާރު ރާއްޖޭގެ ބޭރުގެ ދަރަނި ވަނީ 37.7 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 36 ބިލިއަން ރުފިޔާގަ އެވެ. އަދި ބޭރުގެ ދަރަނި ވަނީ ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 55 ޕަސެންޓުގަ އެވެ. އަދި އެތޭރެ ދަރަނި ހުރީ 53 ޕަސެންޓުގަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އާމްދަނީ ދަަށްވެފައި ވާތީ، ސަރުކާރުން ދަނީ ރައްޔިތުންނަށް ދޭ ހިދުމަތްތަކާއި ދައުލަތް ހިންގަން ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ބޭރުގެ މާލީ އިދާރާތަކުން ލޯނު ނަގަމުންނެވެ. އަދި ދަރަނި މަތިވަމުން ދިޔަ ނަމަވެސް ދަރަނި މެނޭޖު ކުރުމުގެ ގާބިލްކަން އެބަހުރި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، ބައެއް މާހިރުން ވިދާޅުވަމުން ގެންދަވަނީ ލޯނު ނެގުމަކީ ރާއްޖެއަށް ގެއްލުން ވާނެ ކަމަކަށެވެ. މިގޮތަށް ޕަބްލިކްގައި މިހާތަނަށް އެންމެ ހާމަކަން ބޮޑުކޮށް ވާހަކަ ދައްކަވާފައި ވަނީ ކުރީގެ ފިނޭންސް މިނިސްޓަރު މުހައްމަދު ޖަލީލު އެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯއީސް (އެންއެފްއެމްއީ) އިން ބޭއްވި ވެބިނާއެއްގައި ޖަލީލް ވިދާޅުވެފައިވާ ގޮތުގައި މާލިއްޔަތު ބެލެހެއްޓުމާއި ހަރަދުތައް މެނޭޖް ކުރުމުގައި ރަނގަޅު އުސޫލު ތަކެއް ބޭނުންވި ނަމަވެސް މިދިޔަ 12 އަހަރު ތެރޭގައި ދަރަނި މަތިވަމުންދާތަން ފެނިފައިވެ އެވެ. އަދި ރާއްޖޭގެ ދަރަނި ކުޑަ ކުރަން އެއްވެސް ވަރަކަށް ޕްލޭނެއް ހެދި އެއަށް އަމަލު ކުރާ މަންޒަރެއް އެއްވެސް ސަރުކާރެއްގެ ތެރެއިން ނުފެނެ އެވެ.

"ދަރަނީގެ މިންވަރު ޖީޑީޕީގެ 60 ޕަސެންޓަށް ކުޑަ ކުރަން ވިސްނައި އެކަން ހާސިލު ކުރަން މަސައްކަތް ކުރަން ލިޔެފައިވާ ތަނެއް ނުދެކެން. ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ ޖީޑީޕީގެ 60 ޕަސެންޓަށް ދަރަނި އަރާނެ ކަމަށް ލަފާކޮށް އެފަދަ ޕްލޭނެއް ވެސް ފެންނާކަށް ނެތް،" ޖަލީލް ވިދާޅުވެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ސަރުކާރުން މި އަހަރު 12 ފަރާތެއްގެ އަތުން ވަނީ ލޯނު ނަގާފަ އެވެ.

މިއަހަރު ލޯނު ނަގާފައިވާ ފަރާތްތައް

  • އޯޕެކް ފަންޑު ފޯ ޑިވްލޮޕްމަންޓް (އޮފިޑް)
  • އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް (އައިޑީޕީ) (ދެ ފަހަރު)
  • އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވްލޮޕްމަންޓް
  • އިންޓަނޭޝަނަލް ޑިވްލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) (3 ފަހަރު)
  • ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް
  • އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް
  • ސައުދީ ފަންޑު ފޯ ޑިވްލޮޕްމަންޓް (ދެ ފަހަރު)
  • އޭޝިއަން އިންފްރާސްޓަކްޗާ އިންވެސްޓްމަންޓް ބޭންކް (އައިއައިއައިބީ)

ދަރަނީގެ ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވަނީ ދެ ފަރާތްކަށެވެ. ސޮވެރިން ގެެރެންޓީ ދީފައި ވަނީ އެސްޓީއޯއަށް އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިއައިޓީއެފްސީ) އިން ރާއްޖެއަށް ތެޔޮ ގަންނަން ދިން 150 މިލިއަން ޑޮލަރުގެ ޓްރޭޑް ފެސިލިޓީއެއްގެ އިތުރުން އެސްޓީއޯއިން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން އިން ނެގި 15 މިލިއަން ޑޮލަރުގެ ފެސިލިޓީ އަކަށެވެ. ދެން ސޮވެރިން ގެރެންޓީ ދޫކޮށްފައިވަނީ ރިޒާވް ބޭންކް އޮފް އިންޑިއާ އިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އަށެވެ.