ބޭރު ކުޅިވަރު

ރާމޯސް އާއި ފާޓީއަށް ރެކޯޑް

ސާޖިއޯ ރާމޯސް އާއި އަންސޫ ފާޓީގެ ރެކޯޑާއެކު، ޔޫއެފާ ނޭޝަން ލީގްގައި ސްޕެއިނުން 4-0 ން ޔޫކްރޭން ބަލި ކޮށްފި އެވެ.

ރެއާލް މެޑްރިޑްގެ މިހާރުގެ ހޯމް ދަނޑު އަލް ފުރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ރާމޯސް އާއި ފާޓީ ލަނޑު ކާމިޔާބު ކުރި އެވެ. ރާމޯސް ކާމިޔާބު ކުރި ލަނޑުތަކާއެކު އޭނާ ވެފައި ވަނީ އިންޓަނޭޝަނަލް ލެވަލްގައި އެންމެ ގިނައިން ލަނޑު ކާމިޔާބު ކުރި ޑިފެންޑަރުގެ މަގާމު ހާސިލު ކޮށްފަ އެވެ. ފާޓީ ޖެހި ލަނޑާއެކު އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

ސްޕެއިންގެ ފުރަތަމަ ލަނޑު ރާމޯސް ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. މެޗުގެ ދެ ވަނަ މިނެޓްގައި ޔޫކްރޭންގެ އޭރިއާގެ ތެރެއިން އެ ޓީމުގެ ޑިފެންޑަރު، ފާޓީއަށް ފައުލު ކުރުމުން ދިން ޕެނަލްޓީ އެކެވެ. ރޯމޯސް ފޮނުވާލި ޕެނަލްޓީ ގޯލަށް ވަނީ ޔޫކްރޭންގެ ކީޕަރު އަންޑްރީ ޕަޔަޓޯވްގެ އިނގުލި ކުރީގައި ހޭކިލަފަ އެވެ. އޭގެ ފަހުން ބައިސްކަލް ކިކަކުން ފާޓީ ފޮނުވާލި ބޯޅަ ބްލޮކްވީ ޔޫކްރޭންގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފަ އެވެ.

ދެ ވަނަ ލަނޑު 29 ވަނަ މިނެޓްގައި ރާމޯސް ކާމިޔާބު ކުރީ ޑެނިއެލް އޮލްމޯ ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެނެވެ. އެ ލަނޑާއެކު ރޯމާސް ވަނީ އިންޓަނޭޝަނަލް މެޗުތަކުގައި އެންމެ ގިނައިން ލަނޑު ޖެހި ޑިފެންޑަރުގެ ރެކޯޑް ހަދާފަ އެވެ. ކުރިން އެ ރެކޯޑް އޮންނަނީ އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ޑެނިއެލް ޕަސަރެއްލާ އަތުގަ އެވެ. ރޭ ކާމިޔަބު ކުރި ދެ ލަނޑާއެކު ރާމޯސް ވަނީ ގައުމީ ޓީމަށް 23 ގޯލް ޖަހައިދީފަ އެވެ. ޕަސަރެޔާ އާޖެންޓީނާ ޓީމަށް ޖަހައިދީފައި ވަނީ 22 ލަނޑެވެ.

ފާޓީ ލަނޑު ކާމިޔާބު ކުރީ ސާޖިއޯ ރެގުލެން ދިން ބޯޅައިންނެވެ. ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނަން އުޅެފައި އޭނާ ވަނީ އޭރިއާގެ ބޭރުގައި ހުރެފައި ގޯލްގެ ދުރުކަނަށް އަމާޒުކޮށް ބޯޅަ ފޮނުވާލާފަ އެވެ. ގޯލްގެ ތެރެއަށް ބޯޅަ ވައްދާލީ ދަނޑިގައި ޖައްސާލުމަށް ފަހު އެވެ. އެއީ ސްޕެއިންގެ ގައުމީ ޓީމަށް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އޭނާގެ އުމުރަކީ 17 އަހަރާއި 311 ދުވަހެވެ. ކުރިން އެ ރެކޯޑް އޮންނަނީ ސްޕެއިން އަށް ކުރިން ކުޅުނު ހުއާން އެރަޒްކިން ނަމުގަ އެވެ. ސްވިޒަލޭންޑް ކޮޅަށް 1925 ވަނަ އަހަރު އޭނާ ލަނޑު ޖެހިއިރު އުމުރަކީ 18 އަހަރާއި 344 ދުވަހެވެ.

އަންނަ ސީޒަންގައި މެންޗެސްޓާ ސިޓީއަށް ކުޅޭ ފެރާން ޓޯރޭޒްވެސް ވަނީ ގައުމީ ޓީމަށް އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ އޭނާ ލަނޑު ކާމިޔާބު ކުރީ 84 ވަނަ މިނެޓްގަ އެވެ.

އެ ގުރޫޕްގައި ހިމެނޭ ޖަރުމަނާއި ސްވިޒަލޭންޑް ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އިލްކޭ ގުންޑޯގަން ފުރަތަމަ ހާފުގައި ޖަރުމަނަށް ލަނޑު ޖަހައިދީފައި ވަނިކޮށް ދެ ވަނަ ހާފުފައި ސްވިޒަލޭންޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސިލްވާން ވިޑްމާ އެވެ.

ނޭޝަން ލީގްގައި، މިރޭ ނެދާލޭންޑްސް އާއި އިޓަލީ ކުޅޭ މެޗު ވެގެންދާނީ ފޯރިގަދަ މެޗަކަށެވެ. އަދި އެ ގޫރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު، ބޮސްނިއާ ހެޒްރެގޮވީނާ އާއި ޕޮލެންޑް ކުޅޭ މޗުވެސް އޮންނާނެ އެވެ. އެ ދެ މެޗުވެސް ފަށާނީ ރާއްޖޭގަނޑިން މިރޭ 11:45 ގަ އެވެ.