ޔޫއެސް އޯޕަންގައި އިއްޔެ ކުޅުނު މެޗުގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވާކް ޖޮކޮވިޗް، ލައިން ބަލަހައްޓަން ހުރި ޖަޖެއްގެ ގައިގައި ބޯޅައިން ޖެހުމުން، އެ މުބާރަތުން އޭނާ ވަކި ކޮށްފި އެވެ.
ސްޕެއިންގެ ޕަބެލޯ ކެރޯނޯ ބުސްޓާ އާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ސެޓުން 6-5 ން ޖޮކޮވިޗް ބަލިވުމުން، އެކަމާ ހިތް ނުތަނަވަސްވެ، އޭނަ ވަނީ އޭނާގެ ޖީބުގައި އޮތް ބޯޅަ ނަގައި ފަހަތަށް ޖަހާފަ އެވެ. ބޯޅަ ގޮސް ޖެހުނީ ފަހަތުގައި ހުރި ލައިން ޖަޖުގެ ކަރުމަތީގަ އެވެ. ލައިން ޖަޖަށް ކޮންމެވެސް ވަރަކަށް އަނިޔާވި އެވެ. އޭނާއަށް އެހީވާން ޖޮކޮވިޗް ވެސް ދިޔަ އެވެ.
މެޗުގެ އޮފިޝަލުންނާ ވާހަކަ ދެއްކުމަށް ފަހު ޖޮކޮވިޗް ވަނީ ކޯޓުން ފައިބައިގެން ގޮސްފަ އެވެ. އަދި ކޯޓުގެ ސްޓޭޑިއަމުން ވެސް ނުކުމެ ކާރަށް އަރައިގެން އޭނާ ނައްޓާލި އެވެ.
ޓިމް ހެންމަން އަކީ 1995 ވަނަ އަހަރު އެފަދަ އެހެން ހާދިސާއެއް މެދުވެރިވި ކުރީގެ ޓެނިސް ކުޅުންތެރިޔެކެވެ. އޭނާ ފޮނުވާލި ބޯޅައިން ޖެހުނީ ބޯލްގާލްއެއްގެ ގައިގައިގަ އެވެ.
ޖޮކޮވިޗްގެ ނިންމުމާ ބެހޭގޮތުން ހެންމަން ބުނީ ކޯޓު ދޫކޮށްލާފައި ދިއުމަކީ ޖޮކޮވިޗް ރަނގަޅަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ.
"އޭނާ [ޖޮކޮވިޗް] ޖެހޭނެ އެކަމާ ކުރިމަތިލާ އަދި މާފަށް އެދި އޭނާއަށް ގޯހެއް ހެދުނު ކަމަށް ގަބޫލު ކުރަން، ނަމަވެސް އެންމެ ފުރަތަމަވެސް ކޯޓް ދޫކޮށްލާފައި ދިއުން ރަނގަޅެއް ނޫން، ކޯޓް ދޫކޮށްލާފައި ދިއުމަކީ އެކަމާ ދުރަށް ދިއުން،" ހެންމެން ބުންޏެވެ. "އަހަރެމެން ބޭނުމެއް ނެތް މިކަހަލަ ކަމެއްގައި ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ ކޯޓް ދޫކޮށްލާފައި ދާކަށް، އެކަމަކު އޭނޭ ޖެހޭނެ އެކަމުގެ ޒިންމާ ނަގައި ކުރިމަތިލަން."
ޖޮކޮވިޗް، ފަހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ބޯޅައިން ޖެހުނު އަންހެން ޖަޖްގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި އޭނާއަށް އަމަލު ކުރެވުނު ގޮތުން ޔޫއެސް އޯޕަންގެ ކިބައިން ވެދ މާފަށް އެދޭ ކަމަށެވެ.