އިދިކޮޅު ފަރާތްތައް

އިދިކޮޅު ހަރަކާތަށް އެހީވަނީ ޗައިނާ: އާޒިމް

Sep 7, 2020
9

އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން ހިންގާ ސިޔާސީ ހަރަކާތްތަކަށް ޗައިނާއިން އެހީވެދީ، ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަަންނަމުންދާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ތުހުމަތު ކުރައްވައިފި އެވެ.

އޭނާގެ އެ ތުހުމަތުތައް އައީ ރާއްޖެ ޓީވީގެ ޕްރޮގްރާމްއެއްގައި ރޭ ބައިވެރި ވެވަޑައިގެން ދެއްކެވި ވަހަފުޅެެއްގެ ތެރެއިންނެވެ. ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލި ކުރަން އިދިކޮޅު ފަށާފައިވާ ހަރަކާތް ތަކަކީ ޗައިނާ އިން ފަންޑު ކޮށްގެން ކުރާ މަސައްކަތެއް ކަމަށެވެ.

އޭނާ އެ ތުހުމަތުތަކާ ގުޅުވަފައި ވަނީ އިންޑިއާއާ ދެކޮޅަށް ފުޅާ ކޮށްފައިވާ "އިންޑިއާ އައުޓް" ކެމްޕޭނާއި "ގައުމު ވިއްކާލުމާ ދެކޮޅަށް" ހަރަކާތެވެ.

"އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކަކީ، ކަނޑައެޅިގެން ޗައިނާއިން ފައިސާ ދީގެން ހަލަބޮލި ކުރަން ކުރާ ކަމެއް،" އާޒިމް ރޭ ވިދާޅުވި އެވެ.

އަދި ވިދާޅުވީ، އިންޑިއާއާ މެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މަސައްކަތް ކުރަނީ އިންޑިއާއިން ރާއްޖެއަށް ދޭ އެހީތަކާއެކު ރާއްޖެއަށް ކުރިއެރުންތައް ލިބި ދިވެހި ރައްޔިތުން ތަނަވަސްވާ މަންޒަރު ފެންނާތީ ކަމަށެވެ.