ޗައިނާގެ ލޯނުތައް އިތުރަށް ފަސްކުރަންޖެހޭނަމަ އެކަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންއަށް ފަސޭހަކަމާއެކު ކުރެވޭނެ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.
ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ޗައިނާގެ ލޯނުތަކުގެ ވާހަކަތައް ދައްކަމުން ގެންދަނީ 2021 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ގުޅިގެން ރައްޔިތުންގެ ނުރުހުމާއި ފާޑުކިޔުން އެމްޑީޕީ އަށް އަމާޒުވަމުންދާތީ ކަމުގެ ހަގީގަތް އޮޅުވާލަން ކަމަށެވެ.
ސަރުކާރުގެ އިސްރާފާއި ފަސާދަ އަދި ނުކުޅެދުންތެރިކަމުގެ ސަބަބުން، ގައުމުގެ އިގްތިސާދަށް މިއަދު ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުން ވަމުންދާއިރު އެކަމުގެ ޒިންމާއިން ރައީސް ސޯލިހް އަދި ވެރިކަންކުރާ ޕާޓީ ރެކުމަށްޓަކައި ބޭރުގެ ފަރާތްތަކަށް ނުވަތަ ރައީސް ޔާމީންގެ ސަރުކާރަށް އަމާޒުކޮށް ދޮގު ވާހަކަ ދެއްކުމަކީ ސިއްހީ ބޮޑު ކާރިސާއެއްގެ ތެރޭގައި އިގްތިސާދު ދުޅަހެޔޮ ކަންމަތީ ދެމެހެއްޓުމަށް ސަރުކާރުން ނުކުޅެދިފައިވާކަން ހާމަވެގެންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ނެގުނު ހުރިހާ ލޯނެއް ކުޑަވެސް ދައްޗެއްނެތި ދައްކާ ހަލާސްކުރާނެ ހަކަތަ ގާއިމުކޮށްފައިވާނެ ކަމަށާ ޔާމީން އުފައްދެއްވި ސޮވަރިން ފަންޑުގައި، ނޮވެމްބަރު 2018 ގައި 900 މިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައި ހުންނާނެ ކަމަށެވެ.ދައުލަތަށް ލިބޭ އެއްވެސް އާމްދަނީއެއްގައި ނުޖެހި މިއަދު ޗައިނާއަށް ދައްކަންޖެހޭ ހުރިހާ ލޯނެއް ހަލާސްކުރަން އެ ފަންޑު އެކަނިވެސް ފުދޭނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
"އޭގެ އިތުރުން ޕީޕީއެމްގެ ސަރުކާރުގައި ޗައިނާއާ ދެމެދު ތަރައްގީގެ ރޮނގުން އުފެދިފައި އޮތް ގުޅުމުގެ ސަބަބުން އެ ގައުމުން ދިވެހި ރައްޔިތުންނަށް ހާއްސަ އިސްކަމެއް އަބަދުވެސް ދެމުންދާނެ. ކުރިއަށް އޮތް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެކަން ވިސްނިގެން އެކަމުގެ ރުޅީގައި އަނެއްކާވެސް ޗައިނާއަށް އެއްޗެތި ގޮވައިގެން މިއަދު ފަރުނުޖެއްސޭނެކަން ނަޝީދަށް ހަނދާންކޮށްދެން. އެއިރު ދެއްކި ދޮގު ވާހަކަތައް ރައްޔިތުންނަށް މިއަދު އެނގި އޮޅުން ފިލާފައިވާއިރު އެއް ހަރަކުން މުއުމިނެއްގެ ގަޔަށް ކަށި ނުޖެހޭނެކަންވެސް ހަނދާން ކޮށްދެން،"
ކޮވިޑް ކާރިސާ ފެށުނީއްސުރެ ސަރުކާރުން ހަދަމުންދާ އިގްތިސާދީ ބޮޑެތި ގޯސްތަކުގެ ސަބަބުން އެއްވެސް ލޯނެއް ނުދެއްކޭނެ ކަމަށް ވާނަމަ އެ ލޯނުތައްވެސް ޗައިނާއިން ފަސްކޮށްދޭނެ ކަމަށް އަންގާފައިވާ ކަމަށާ އެއީ ހުރިހާ ގައުމަކަށްވެސް އެ ގައުމުން ދީފައިވާ ލުއިތަކެއް ކަމަށެވެ.
"ސަރުކާރުގެ އިހުމާލުން ވިއަސް ދިވެހި ރައްޔިތުންނަށް ނިކަމެތި ކަމެއް ލިބިދާނެ ކޮންމެ ހިނދެއްގައި ޕީޕީއެމް އިން ދާނީ ރައްޔިތުންގެ ހައްގުގައި އެކި ފަރާތްތަކާ މަޝްވަރާކޮށް ގާއިމުވެފައިވާ އިތުބާރުގެ ގުޅުންތަކުގެ ތެރެއިން މައްސަލަތައް ހައްލު ކުރަމުން. އެގޮތުން، ޗައިނާގެ ލޯނުތަކުގެ ވާހަކަވެސް އެ ފަރާތުގައި ދަންނަވައިގެން ފަސްކުރަންޖެހޭ ނަމަ އެކަން މި ޕާޓީން ފަސޭހަކަމާއެކު ކުރެވޭނެ،"