ލައިފްސްޓައިލް

ޖަޕާނުގައި ކާ އެއްޗެތި ޑެލިވާ ކުރަން ބޮޑީ ބިލްޑަރުން

Sep 7, 2020
1

ޖަޕާނުގެ މެދުތެރޭގައި ހުންނަ ސޫޝީ ރެސްޓޯރަންޓެއްގެ ވިޔަފާރި ރަނގަޅުކުރުމަށްޓަކައި މުޅިން އާ ގޮތަކަށް ކާ އެއްޗެތި ޑެލިވާ ކޮށްދިނުމުގެ މަސައްކަތް ފަށައިފި އެވެ. އެ ރެސްޓޯރަންޓުން ކާ އެއްޗިއްސަށް އޯޑަރު ކުރާ މީހުންގެ އޯޑަރު ކުރާ އެއްޗެތި ޑެލިވާ ކުރަން މިހާރު ދަނީ ހުސް ގަޔާ ތިބޭ ބޮޑީ ބިލްޑަރުންނެވެ.

ޑެލިވަރީ މާޗޯ ކިޔާ މި ޚިދުމަތްގެ މޭސްތިރިއަކީ އިމަޒޫޝީ ކިޔާ މި ރެސްޓޯރެންޓްގެ ޝެފް މަސަނޯރީ ސުގިއޫރާ އެވެ. އުމުރުން 41 އަހަރުގެ މި ޝެފް އަކީ ވެސް މުބާރާތްތަކުގައި ވާދަކުރާ ބޮޑީ ބިލްޑަރެކެވެ.

ކާއެއްޗެތި ޑެލިވާ ކުރުމުގެ މަސައްކަތަށް ސުގިއޫރާ ހޯދީ އޭނާއާއެކު ފިޓްނަސް ޖިމްގައި ހަރަކާތްތެރިވާ ބޮޑީ ބިލްޑަރުންގެ ޓީމެކެވެ. މި މީހުންނަށް މި މަސައްކަތް ހަވާލުކުރީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ތެރޭގައި މި މީހުންގެ ވަޒީފާ ގެއްލިފައިވާތީ އެވެ.

މި ޚިދުމަތް ހޯދުމުގައި އޮތީ އެންމެ ޝަރުތެކެވެ. މަދުވެގެން 7000 ޖަޕަނީސް ޔެން (66 ޑޮލަރު)ގެ ކާ އެއްޗެތި އޯޑަރު ކުރަން ޖެހުމެވެ. އޭރުން ޑެލިވަރީ މާޗޯ އިން ކާ އެއްޗެތި އެ މީހަކު ބުނި ތަނަކަށް ގެންގޮސްދޭނެ އެވެ.

މި ޕްރޮމޯޝަން އަކީ މިހާރު ޓުވިޓާގައި ވަރަށް ވައިގައި ހިފާފައިވާ ޕްރޮމޯޝަނެކެވެ. ދުވާލަކު 10 ވަރަކަށް އޯޑަރު މިހާރު ޑެލިވަރީ މާޗޯ އަށް އެވްރެޖްކޮށް ލިބޭ ކަމަށާއި މި ޚިދުމަތުން މިހާޜު މަހެއްގެ އާމްދަނީ އަށް 1.5 މިލިއަން ޖަޕަނީސް ޔެން ލިބޭ ކަމަށް މި ރެސްޓޯރެންޓްގެ ޝެފް ބުންޏެވެ.