ހަބަރު

މާލޭގައި ފެން ރައްކާ ކުރާ އިތުރު ދެ ތާންގީ ބަހައްޓަނީ

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ " ވޯޓާ ސެކިއުރިޓި ޕްލޭން" ގެ ދަށުން، މާލޭގައި ފެން ރައްކާ ކުރާ އިތުރު ދެ ތާންގީ ބެހެއްޓުމުގެ މަޝްރޫއެއް ފަށައިފި އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މި ދެ ތާންގީ ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ކުރިން އެސްޓީއޯގެ ރެޑީ މިކްސް ކޮންކްރީޓް މަސައްކަތް ކުރަމުން އައި މާލޭގެ 378 ނަމްބަރު ކޮށީގައި ކަމަށެވެ. މި މަޝްރޫއުގެ މަގްސަދަކީ މާލޭގައި
އެކުންފުނިން ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުން ކަމަށެވެ.

މިއަދު މި މަސައްކަތް ފަށްޓަވައިދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އެކުންފުނީގެ މެނޭޖްމަންޓްގެ ބޭފުޅުންނެވެ. މި މަަސައްކަތުގެ ދަށުން ދެ ތާނގީގެ އިތުރުން ފެން ފޯރުކޮށްދިނުމަށްޓަކައި ޕަމްޕް ރޫމްއެއްވެސް ގާއިމްކުރެވިގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އަލަށް ބަހައްޓާ ދެ ތާންގީން ކުރެ ކޮންމެ ތާންގީ އަކުވެސް 13،648 ކިޔުބިކް މީޓަރުގެ ފެން ރައްކާކުރެވުމާއި އެކު މި ދެ ތާނގީގައި ޖުމްލަ 27،296 ކިޔުބިކް މީޓަރުގެ ފެން ރައްކާކުރެވޭނެ ކަމަށް ފެން ކުންފުނިން ވަނީ ބުނެފަ އެވެ. މިމަސައްކަތްތައް ނިމުމުން އެމްޑަބްލިޔުއެސްސީ އިން މާލޭ ސިޓީގައި ފެން ރައްކާކުރެވޭ މިންވަރު ޖުމްލަ 50،296 ކިޔުބިކް މީޓަރަށް އިތުރުވެގެންދާނެ ކަމަށްވެސް ބުންޏެވެ.

ޖުމްލަ 82 މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫއުގެ މަސައްކަތް އަންނަ އަހަރު ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ވަނީ ބުނެފަ އެވެ.

ގްރޭޓާ މާލޭ ރީޖަން ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމްޑަބްލިޔުއެސްސީ އިން ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ވަނީ ގާއިމްކޮށްފަ އެވެ. އަދި މާލެ ހުލުމާޅެ ބުރިޖު މެދުވެރިކޮށް އެކުންފުނިން އަޅާފައިވާ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.