ޖޭއެސްސީ

8 ރަށަކަށް މެޖިސްޓްރޭޓުން ހޯދަނީ

8 ރަށަކަށް މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 8 ރަށެއްގެ މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ. ފުރުސަތު ހުޅުވާލާފައިވަނީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މަނަދޫ، ވ. ފެލިދޫ އަދި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް މެޖިސްޓްރޭޓުން ހޯދުމަށެވެ.

އަދި ރ. މަޑުއްވަރީ، ފ. ފީއަލީ، ގއ. ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓަށް އިސް މެޖިސްޓްރޭޓުން ހޯދުމަށެވެ.

މެޖިސްޓްރޭޓުންނަށް 23،450 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާނެއެވެ. އިސް މެޖިސްޓްރޭޓުންނަށް 25،600 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާނެއެވެ. އަދިި އެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ލިބިވަޑައިގަންނަވާނެއެވެ.

މެޖިސްޓްރޭޓްކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށެވެ. އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި ނުވަތަ ޝަރުއީ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށެވެ.

އެ މަގާމަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭ ޝަރުތުތަކާއި މަގާމަށް އެދި ހުށައަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލް ޖޭއެސްސީގެ އިއުލާނުގައި ހިމަނާފައިވެއެވެ.