ދުނިޔެ

ޖަމާލް ހަޝޯގީގެ ގާތިލުންނަށް ހުކުމްކޮށްފި

Sep 7, 2020

ސައުދީ ސަރުކާރާއި ދެކޮޅު ނޫސްވެރިޔާ ޖަމާލް ހަޝޯގީ މަރާލުމުގެ ކުށުގައި ދައުވާ ކުރި މީހުންގެ ތެރެއިން އަށް މީހެއްގެ މައްޗައް ކުށް ސާބިތުވެ އެ މީހުންގެ މައްޗަށް ހުކުމް ކޮށްފި އެވެ.

ސައުދީ ސަރުކާރުގެ މީޑިއާއިން ބުނި ގޮތުގައި ކޯޓުން ވަނީ ހަޝޯގީ މަރާލުމުގައި އިސްކޮށް އުޅުނު ފަސް މީހަކަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވާފަ އެވެ. އަނެއް ތިން މީހުންނަށް އިއްވާފައި ވަނީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ހުކުމެކެވެ.

މިދިޔަ މޭ މަހު ހަޝޯގީގެ ފިރިހެން ދަރިން ވަނީ އަނިޔާވެރި ގޮތަކަށް މަރާލި އެމީހުންގެ ބައްޕަ މަރާލުމުގައި ބައިވެރިވި ގާތިލުންނަށް މާފު ދީފަ އެވެ. އޭގެ ސަބަބުން އެމީހުން ވަނީ މަރުގެ އަދަބުން ސަލާމަތްވެފަ އެވެ. މީގެ ކުރިން މި މައްސަލައިގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ފަސް މީހުނަށް ވަނީ މަރުގެ ހުކުމެއް އިއްވާފަ އެވެ.

ހަޝޯގީ ގެއްލިފައި ވަނީ އޮކްޓޯބާ 2، 2018 ގައި ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ކުރި ޒިޔާރަތަކަށް ފަހު އެވެ.

ތުރުކީ ސަރުކާރުން އޭރު ބުނެފައި ވަނީ ސައުދީ ކޮންސިއުލޭޓްތެރޭގައި ހަޝޯގީ ވަރަށް އަނިވާވެރިކޮށް އަތާއި ފައި ބުރިބުރި ކުރުމަށް ފަހު މަރާލީ ކަމަށެވެ. އަދި އާނަ މަރާލާފައި ވަނީ އެކަމަށް ހާއްސަ ކުރެވިފައިވާ ހަތިޔާރު އެޅި ޓީމަކުން ކަމަށެވެ.

އުމުރުން 59 އަހަރުގެ ހަޝޯގީއަކީ އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓްއަށް ލިޔާ ކޮލަމިސްޓެކެވެ. ސައުދީ ސިޔާސަތުތަކަށް ވަރަށް ބޮޑަަށް ފާޑު ކިޔައި ގިނަ ލިޔުންތަކެއް އޭނާ ލިޔެ އެވެ. ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ބުނާ ގޮތުގައި މި ޖަރީމާގައި ނުސީދާ ގޮތެއްގައި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބައިވެރިވެވަޑައިގަންނަވަ އެވެ. އެކަމަކު ސައުދީ ސަރުކާރުން އެކަމާ އިންކާރުކޮށް އަބަދުވެސް ބުނަމުން އައީ ނޫސްވެރިޔާ ހަޝޯގީގެ މަރަކީ ވަރަށް އަނިޔާވެރި ލާއިންސާނީ އަމަލެެއް ކަމަށެވެ.