ފައްޔާޒް އިސްމާއީލް

ފައްޔާޒު މަގާމުން ދުރުކުރުމުގެ މައްސަލަ ގައުމީ މަޖިލީހަށް

މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) މަގާމުން ދުރުކުރުމުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު އެކުލަވައިލާ ސޮއި ހަމަ ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ފައްޓަވާފައިވަނީ އޮގަސްޓް މަހުގެ ކުރީކޮޅުގައެވެ. އެ މަސައްކަތުގައި ރަައީސް ނަޝީދަށް ވަފާތެރި ތިރީހަކަށް މެންބަރުން ވަނީ ސޮއިކުރައްވާފައެވެ.

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް (އިބުރާ) ގެ ކޮއްކޯފުޅު ފައްޔާޒު މިނިސްޓަރު ކަމުގައި ހުންނެވީ ވެސް އެމްޑީޕީގެ ސްލޮޓެއްގަ އެވެ. އެކަމަކު މިނިސްޓަރު ފައްޔާޒަކީ ކުރީގެ ރައީސް ނަޝީދަށް ވުރެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވަރަށް ގާތް ކަމެއް އޮންނަ އެ މަނިކުފާނުގެ އިތުބާރު ބޮޑު ބޭފުޅެކެވެ.

އެ މަސައްކަތްޕުޅު ރައީސް ނަޝީދު ފެއްޓެވުމުން ރައީސް ސޯލިހުވެސް ވަނީ ފައްޔާޒުއަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ މަގާމުން ދުރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުންތަކެއްވެސް ވަނީ ފާޅުގައި ފައްޔާޒުއަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ކުރަމުންދާ މަސައްކަތް މަޑުޖެހިފައިވަނިކޮށް ރައީސް ނަޝީދު މިއަދު ވަނީ އެ މަސައްކަތް ދޫކޮށް ނުލައްވާކަން ހާމަ ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ފައްޔާޒުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުުމުގެ ކުރިން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައަޅުއްވާނެ އެވެ. އަދި މަޖިލީހަށް މައްސަލަ ހުށައަޅުއްވާނީ ގައުމީ މަޖިލީހުން ގޮތްތަކެއް ނިންމެވުމަށްފަހު އެވެ.

ނަޝީދު މިއަދު ވަނީ މިނިސްޓަރު ފައްޔާޒު ޕާޓީއާއި ދުރަށް ދުވަސްކޮޅަކަށް ނަމަވެސް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ފައްޔާޒުގެ މައްސަލައަކީ އެމްޑީޕީގެ މައްސަލައެއް ކަމަށާ އެ މައްސަލަ ޕާޓީގެ ތެރެއިން ނިންމަން ޖެހޭ ކަމަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހަށް މައްސަލަ ހުށައަޅުއްވަނީ ވެގެން ކަމަށް ވިދާޅުވިއެވެ.

މި މެސެޖްތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބޭފުޅަކު މިއަދު ވިދާޅުވީ ރައީސް ނަޝީދުގެ އެ ވާހަަކަފުޅުތަކާމެދު ސަރުކާރުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ. ރައީސް ސޯލިހު އެމަނިކުފާނުގެ ވިސްނުން ހާމަކުރައްވާފައިވާ ކަމަށާ އެހެން ކަމުން ފައްޔާޒުގެ ވޯޓް ކުރިއަށް ގެންދަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ދުވަހަކީވެސް ރައީސް ނަޝީދުގެ ތަފާތު މެސެޖުތައް އަންނަ ދުވަހެއް. ބައެއް ދުވަސް ދުވަހު ވަޒީރުންނަށް 'ވަގު' ތުހުމަތު ކުރައްވާނެ. އަނެއް ބައި ފަހަރަށް ސަރުކާރަށް އަސާސެއް ނެތް ތުހުމަތުތައް ކުރައްވާނެ. އެހެންވީމަ އެމަނިކުފާނުގެ ވާހަކަތައް މި ފަހުން އަންނަނީ ސަރުކާރުން ސީރިއަސްކޮށް ވިސްނަން ޖެހޭ ގޮތަކަށް ނޫން،" އެމްޑީޕީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވިއެވެ.

ފައްޔާޒުގެ ވޯޓާއި ގުޅޭގޮތުން މަޖިލީހުގެ ގިނަ މެންބަރުން ވަނީ ފާޅުގައި ޓްވީޓް ކުރައްވާފައެވެ. އައްޑޫ ސިޓީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މިނިސްޓަރު ފައްޔާޒަކީ ހީވާގި ބޭފުޅެއް ކަމަށާ އެއީ ވިސްނުންތެރި ގާބިލް ބޭފުޅެއް ކަމަށެވެ. އަދި "އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް އެބައޮތް،" ކަމަށެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްވެސް ވަނީ އެ މޭރުމުން ޓްވީޓެއް ކުރައްވާފަ އެވެ. ރޮޒައިނާ ވިދާޅުވީ މިނިސްޓަރު ފައްޔާޒަކީ މި ސަރުކާރުގެ އެންމެ ހީވާގި ވަޒީރު ކަމަށާއި އެކަމަނާގެ އިތުބާރު މިނިސްޓަރަށް އެބައޮތް ކަމަށެވެ: "އަޅުގަނޑުގެ ފުރިހަމަ އިތުބާރު ފައްޔަ އަށް އެބައޮތް،"

ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވި ގޮތުގައި މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަންޖެހޭ ސަބަބެއް ނެތެވެ. އެއީ "ފުރިހަމަ އިތުބާރު އޮތް ވަޒީރެއް" ކަމަށެވެ. އޭގެ ފަހަތުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވެސް ވިދާޅުވީ މިނިސްޓަރު ފައްޔާޒަށް އިތުބާރު ކުރައްވާ ކަމަށެވެ. އަދި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހު ވެސް އިކްނޮމިކް މިނިސްޓަރު ފައްޔާޒަށް އިތުބާރު ދެއްވަ އެވެ.

މީގެ އިތުރުން ތިނަދޫ ތަމްސީލްކުރައްވާ މެންބަރު އަބްދުﷲ މުގުނީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވެސް ތިއްބެވީ ފައްޔާޒާއެކުގައި ކަން ހާމަ ކުރައްވާފައި ވެއެވެ.

"[މިނިސްޓަރު] ފައްޔާޒު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރަން،" ޝިފާއު ވިދާޅުވެފައި ވެއެވެ. އޭނާއާއެކު ގަމު ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ވިސާމް ވެސް ފައްޔާޒުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައި ވެއެވެ.

"ނަތީޖާ ސައްތައިން ސައްތައަށް ދައްކަވަމުން ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ މިނިސްޓަރު ފައްޔާޒަށް އަޅުގަނޑުގެ އިތުބާރު އެބައޮތް،" ވިސާމް ވިދާޅުވި އެވެ.

ފައްޔާޒުގެ މައްޗަށް ނަގާ އިތުބާރު ނެތްކަމުގެ ވޯޓަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ދެއްކޮޅު ހެއްދެވި އިރު މައްޗަށްގޮޅީ ދެކުނު ދާއިރާގެ މެންބަރު ހައިތަމް އަހުމަދު ވިދާޅުވީ "މިނިސްޓަރު ފައްޔާޒުއަކީ މި ސަރުކާރުގައި އެންމެ ގާބިލް، ކުޅަދާނަ އަދި އެންމެ ހިންގުންތެރި ވަޒީރު" ކަމަށެވެ. އަދި އެއީ "އެންމެ އިތުބާރު ބޮޑު އެއް ވަޒީރު" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒާއެކުގައި ތިއްބެވި މެންބަރުންގެ ތެރޭ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ ވެސް ހިމެނި ވަޑައިގަންނަވަ އެވެ. އެ ހުރިހާ ބޭފުޅުން ވެސް ވިދާޅުވަނީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅުތައް "ރަނުން ރަނަށް" ފުއްދެވުމަށް މިނިސްޓަރު ފައްޔާޒު ކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް ތާއީދާއި އިތުބާރު އެބައޮތް ކަމަށެވެ.