ކުޅިވަރު

ޓީޓީ އިންތިހާބު ފަސްކުރަން އަމުރެއް ނުދިން

ޓެބަލްޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް) ގެ އިންތިހާބު ފަސް ކުރަން ވަގުތީ އަމަރެއް ނެރެ ދިނުމަށް، ޓީޓީގެ އެކްސްކޯ މެންބަރު އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އަމުރު ނެރެދެވެން ނެތް ކަމަށް ސިވލް ކޯޓުން ނިންމައިފި އެވެ.

މާދަމާ ބާއްވާ ޓީޓީއޭއެމްގެ އިންތިހާބު ފަސް ކޮށްދިނުމަށް އަލިބެގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، އިންތިހާބުގެ ކަންކަން އިންސާފުވެރިކޮށް ނުދާކަން ފާހަގަ ކޮށް ރާއްޖޭގެ ސްޕޯޓްސް ކައުންސިލަށް ހުށަހަޅުއްވައިގެން ވެސް އެކަންކަމަށް ހައްލެއް ނުލިބުމުންނެވެ.

ކޯޓުން އިންތިހާބު ފަސް ކުރުމަށް ހުކުމް ނެރެދީފައި ނުވަނީ ޝަރީއަތުގެ މަރުހަލާއަކީ ގިނަ ދުވަސްތަކަކަށް ދެމިގެންދާނެ މަރުހަލާއަކަށް ވާތީ، ޓީޓީގެ އިންތިހާބު އިތުރަށް ފަސް ކޮފިނަމަ ޓީޓީ އެސޯސިއޭޝަންގެ ހިންގުމަށާއި ޓީޓީގެ ކުޅުންތެރިންނަށް ލިބިދާނެ ގެއްލުން މާ ބޮޑު ވެދާނެތީ އެވެ.

އަލިބެ ކޯޓަށް މައްސަލަ ހުށަހެޅުމުން، ޓީޓީ އެސޯސިއޭޝަނުން ބުނީ، ކޯޓުން ނިންމާ ނިންމުމެއްގެ ސަބަބުން ރާއްޖެ ސަސްޕެންޑް ވެދާނެ ކަމަށެވެ. މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި، ޓީޓީއޭއެމްގެ ވަކީލް މުހައްމަދު ޖައުޝަން ޝަރީފް ވަނީ އައިޓީޓީއެފުން، ޓީޓީއޭއެމްއަށް ފޮނުވާފައިވާ އެހެން ސިޓީއެއް ހުށަހަޅާފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ އޮލިމްޕިކް ޗާޓަރާ ރާއްޖެއިން ހިލާފުވޭތޯ އައިޓީޓއެފުން ބަލައި ހިލާފު ވެއްޖެނަމަ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

މައްސލައެއް އުފެއދިއްޖެނަމަ މައްސަލަ ހައްލު ކުރަން ޖެހޭނީ ރާއްޖޭގެ ސިވިލް ކޯޓުން ނޫން ކަމަށާއި ރާްޖެއިން ނަމަ އެކަމުގެ އެންމެ އިސް މަސްލަހަތު ލިބިގެން ވަނީ ސްޕޯޓްސް ކައުންސިލަށް ކަމަށެވެސް އައިޓީޓީއެފްގެ ސިޓީގައި ބުނެފައި ވެއެވެ. ނަމަވެސް އެ މައްސަލައަކީ ކޯޓުން ނުބެލޭނެ މައްސަލައެއް ކަމަކަށް ސިވިލް ކޯޓަކުން ނުދެކެ އެވެ.

ޓީޓީއެއެމްގެ އިންތިހާބު ވޯޓުލުން އޮންނާނީ، މާދަމާ މެންދުރު ފަހު 1:00 ހަވީރު 5:00 ށް ގަލޮޅު ދަނޑުގަ އެވެ.