ހަބަރު

ކޮންމެ ސަރުކާރެއް އޮތަސް ރާއްޖެ އާއި ލަންކާގެ ގުޅުން ގޯސްވެގެން ނުވާނެ: ސިރިސޭނާ

Jan 10, 2015

ކޮންމެ ސަރުކާރެއް ވެރިކަމާ ހަވާލުވި ނަމަވެސް ރާއްޖެއާ ސްރީލަންކާގެ ގުޅުމަށް އެއްވެސް ބަދަލެއް އައިސްގެން ނުވާނެ ކަމަށް ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ސްރީލަންކާގެ ރިޔާސީ އިންތިޚާބު ސިރިސޭނާ ކާމިޔާބުކުރެވުމުން  އެމަނިކުފާނަށް މަރުހަބާ ވިދާޅުވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ފޯނުން ގުޅުއްވުމުންނެވެ.

ސިރިސޭނާ ވިދާޅުވީ ސްރީލަންކާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެމަނިކުފާނުގެ ޒައާމަތުގައި ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާނެ ކަމަށާއި ކޮންމެ ސަރުކާރެއް ވެރިކަމާ ހަވާލުވި ނަމަވެސް ދެ ގައުމުގެ ދޭތެރޭގައި އޮންނަ ގުޅުމަށް ބަދަލެއް އައިސްގެންނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަކީ ސްރީލަންކާގެ ވަރަށް ގާތް ރަޙުމަތްތެރި ގައުމެއް ކަމަށާއި، ކުރިއަށް އޮތްތާނގައިވެސް އެގުޅުން އެގޮތުގައި ދެމެހެއްޓޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ފަސޭހަފުޅު އެންމެ އަވަސް ފުރުސަތެއްގައި ރައީސް ޔާމީން ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަކީ ސިރިސޭނާ މިއަދު ވަނީ ރައީސް ޔާމީނަށް ދައުވަތު ދެއްވާފަ އެވެ. އިއްޔެ ރައީސް ޔާމީން ވެސް ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ސިރިސޭނާއަށް ދައުވަތު ދެއްވާފަ އެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރުގެ ފަރާތުން ސްރީލަންކާގެ އާ ރައީސަށް މަރުޙަބާ ދެންނެވުމަށް އެ ގައުމަށް ވަޑައިގެންނެވި މިނިސްޓާ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުޙަންމަދު ޙުސައިން ޝަރީފާ ވެސް ސިރިސޭނާ މިއަދު ވަނީ ބައްދަލު ކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ އިތުރުން ރާއްޖެއާއި ސްރީލަންކާއާ ދެމެދު އުފެދިފައިވާ ސިޔާސީ ގުޅުމަށްވެސް 50 އަހަރުފުރޭ އަހަރުކަން ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނުގެ ޒަޢާމަތުގައި މި މުނާސަބަތު ވަރަށް ކުލަގަދަކޮށް ފާހަގަކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވި އެވެ.