ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހޯނޑެއްދޫ

ހޯނޑެއްދޫ ކޭސް: 13 ނެގެޓިވް، ނަތީޖާ ނުލިބޭ 86

Sep 7, 2020

ގދ. ހޯނޑެއްދޫން ނެގި ސާމްޕަލްތަކުގެ ތެރެއިން 13 ސާމްޕަލެއްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު މިރޭ ވިދާޅުވީ ހޯނޑެއްދޫން މިހާތަަނަށް 25 މީހަކު ޕޮޒިޓިވްވެފަައިވާއިރު އެ ރަށުގައި ބަލި ޖެހިފައި ތިބި އެންމެން ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ ސާމްޕަލްތަކެއް ނަގާފައިވާ ކަމަށެވެ. އަދި ހޯނޑެއްދޫއާ ކޯޒްވޭއަކުން ގުޅިފައިވާ މަޑަވެލީގައި ބަލި ނެތްކަން ޔަގީން ކުރުމަށް ވެސް ސާމްޕަލް ނަގަމުންދާ ކަމަަށެވެ.

ކޮވިޑަށް ޕޮޒިޓިވްވި 25 މީހުންގެ ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން 111 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށާ މިހާތަަނަށް ދެ ރަށުން 147 ސާމްޕަލް ނަގާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެއީ މަޑަވެލިން ނެގި 61 ސާމްޕަލް އާއި ހޯނޑެއްދޫއިން ނެގި 86 ސާމްޕަލް އެވެ.

މިހާތަނަށް ނަތީޖާ ލިބުނު 13 ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެއް ރަށަކުން ގިނަ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން މާލޭ ސިޓީގައި މިވަގުތު އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހޯނޑެއްދޫގައި ވެސް އަޅާފައިވާ ކަމަށެވެ. އެގޮތުން ފިހާރަތައް ހުޅުވުމާއި ކެފޭ ރެސްޓޯރަންޓްތައް ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ކަމަށެވެ.

"ބަައިވަރު ކޭސްތަކެއް މި ގޮތަށް ފެނުމާއި ގުޅިގެން ރަށުގެ ރައްޔިތުން ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސް ކުރަން. އަދި އެފަދަ ހާލަތެއްގައި ބޭރަށް ނިކުންނަވާއިރު މާސްކު އެޅުމަކީ ކޮންމެހެން މުހިންމު ކަމެއް،"

ނަޒްލާ ވިދާޅުވީ އެ ދެ ރަށުގައިވެސް ކާޑުގެ ބާވަތްތަކާއި ގޭސް އަދި ބޭހުގެ އިތުރުން ސިއްހީ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް އެސްޓީއޯއިން ކޮށްފައިވާ ކަމަަށެވެ.

ހޯނޑެއްދޫއަށް ކޮވިޑް ބަލި ދިޔައީ ކިހިނެއްކަން ދެނެގަތުމަށް އިންވެސްޓިގޭޝަނެއް ވަނީ ފަށާފައެވެ. އަދި އެ ރަށުގައި ބަލި ޖެހިފައި ތިބި އެންމެން ދެނެގަތުމުގެ މަސައްކަތާއި އެ ރަށުގައި ބަލި އިތުރަށް ފެތުރުުމުގެ ފުރުސަތު ބަންދު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ވެސް ވަނީ ފަށާފައެވެ.