ލައިފްސްޓައިލް

ވަޅުލާފައި އޮތް ކުއްޖަކަށް އާ ހަޔާތެއް ލިބިއްޖެ

އިންޑިޔާގެ އަންދްރަޕްރަދޭޝްގެ ގޯދާވަރީ ޑިސްޓްރިކްޓްގެ ސަރަހައްދެއްގައި ވަޅުލާފައި އޮތް ތުއްތު ކުއްޖެއް ސަލާމަތްކޮށްފި އެވެ. މި ކުއްޖާ ވަޅުލާފައި އޮތީ މާ ބޮޑަށް ފަސް ނާޅާ ކަމުން ކުއްޖާގެ ހަށިގަނުގެ އެއްބައި އޮތީ ފެންނާށެވެ. ކުއްޖާ ވަޅުގަނޑުގައި އޮއްވާ ފެނުނީ އެ އަވަށުގައި ޖަނަވާރު ގެންގުޅޭ ބަޔަކަށެވެ.

ޖަނަވާރުންތަކަށް ހުއި ކާން ދީ ހެދުމުގައި އުޅުނު މީހުނަށް ގަސްތަކުގެ ތެރެއިން ތުއްތު ކުއްޖެއް ރޯ އަޑު އިވެގެން ގޮސް ބެލިއިރު އެއްބައި ވަޅުލާފައި އޮތް ކުއްޖާ ފެނުނީ އެވެ. އެ މީހުން ވަގުތުން ކުއްޖާ ނަގައި ޗަކަތައް ފިލުވައި ސާފުކޮށް އެ އަވަށުގެ އަންހެންވެރިންނާ ކުއްޖާ ހަވާލު ކުރީ އެވެ.

މި ކުއްޖާގެ އަނގަޔަށް ވެސް ވަރަށް ގިނަ ޗަކަތައް ވަދެފައި ހުރި ކަމަށާއި ކުއްޖާ ގެންދިޔަ އަންހެންވެރިން އެ ކުއްޖާ ސާފުކޮށް ފެންވެރުވިއިރު ޗަކަތައް އަނގައިން ނަގާ ސާފުކުރީ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

މި ތުއްތު ފިރިހެންކުއްޖާއަށް ލިބިފައ ހުރީ ކުދި ހާނިއްތަ ތަކެއް ކަމަށާއި މާ ބޮޑެތި އަނިޔާތަކެއް ކުއްޖާގެ ހަށިގަނޑުގައި ނެތް ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް ރަނގަޅަށް ޓެސްޓްތައް ހަދައި އިތުރު ގެއްލުމެއް ހުރިތޯ ބަލަން އެ ހިސާބުގަނޑުގައި ހުންނަ ހޮސްޕިޓަލަކަށް ކުއްޖާ މިހާރު ވަނީ ގެންގޮއްސަ އެވެ. ކުއްޖާ ފެންވަރުވާ ހެދި އަންހެންވެރިން ލަފާ ކުރަނީ ކުއްޖާ ފެނުނުއިރު އޭނާ ވަޅުލިތާ މާ ގިނަ އިރުތަކެއް ނުވާނެ ކަމަށެވެ.

އެ ކުއްޖާ ވަޅުލި މީހަކު ހޯދުމުގެ މަސައްކަތް އެ އަވަށުގެ އަންހެނުންގެ ޖަމިއްޔާއިން މިހާރު ދަނީ ކުރަމުންނެވެ.