އޮސްޓްރިޔާ މީހަކު އައިސް ކިއުބްތަކެއް ތެރޭ 2.5 ގަޑިއިރު އޮވެ އޭނާ ކުރިން ހަދާފައިވާ އަމިއްލަ ރެކޯޑެއް މުގުރާލައިފި އެވެ. ޖޯސެފް ކޯބެރީ ވަނީ ބިއްލޫރިން ހަދާފައިވާ ފޮއްޓެއް ތެރޭގައި އޭނާގެ ކޮނޑާ ހަމަޔަށް ހުންނަ ވަރަށް އަޅާފައިވާ އައިސްކިއުބްތަކުގެ ތެރޭގައި ދެ ގަޑިއިރާއި 30 މިނިޓް އަދި 57 ސިކުންތު ހޭދަ ކޮށްފަ އެވެ.
މި ބިއްލޫރި ފޮށި ފުރާލަން 200 ކިލޯގްރާމްގެ އައިސްކިއުބް ބޭނުން ކޮށްފައި ވެއެވެ. ކޯބެރީ މި އައިސްކިއުބްތަކުގައި ތެރޭގައި ހުރިއިރު ލައިގެން ހުރީ ހަމައެކަނި ސްވިމިން ޓްރަންކެއް އެކަންޏެވެ. އެނޫން އެއްވެސް އަންނައުނެއް އޭނާގެ ގަޔަކު ނެތެވެ.
ފިނި ގަދަވެގެން ގޮސް ހަށިގަނޑަށް ކުރިމަތިވަމުން ދިޔަ ގަދަފަދަ ވޭނާ ހަނގުރާމަ ކުރުމަށްޓަކައި އޭނާ ކުރާ ކަމަކީ ޕޮޒިޓިވް ހިޔާލުތައް ސިކުނޑިއަށް ގެނެސް އެކަންކަމަށް ފޯކަސް ކުރުން ކަމަށް ކޯބޭރީ ބުންޏެވެ.
ކޯބޭރީ 2019 ގައި ހެދި ރެކޯޑް މުގުރާލިއިރު އެ މަންޒަރު ބަލަން ކޮންމެވެސް ވަރަކަށް މީހުން އެއްވެފައި ތިއްބެވެ. މިފަހަރު އޭނާ ހެދި ރެކޯޑް ކުރީ ފަހަރުގެ ރެކޯޑަށް ވުރެ 30 މިނިޓް އިތުރެވެ. މާނަ އަކީ ކުރީ ފަހަރަށް ވުރެ މިފަހަރު 30 މިނިޓް އޭނާ އިތުރަށް އައިސްކިއުބްތަކުގެ ތެރޭގައި ހުރެފައި ވުމެވެ.
ކޯބޭރީ މިފަހަރު ހެދި ރެކޯޑް މުގުރާލުމުގެ މަސައްކަތް މިހާރުއްސުރެ އޭނާ ވަނީ ފަށާފަ އެވެ. މި ރެކޯޑް މުގުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރު ލޮސް އެންޖަލިސް ގައެވެ. ކޯބޭރީގެ ޓީމުން ބުނެފައި ވަނީ އޭނާގެ މިހާރުގެ ރެކޯޑަކީ ދުނިޔޭގެ ވެސް ރެކޯޑް ކަމަށެވެ. އޭނާއަށް ވުރެ ގިނައިރު ހަށިގަނޑު އައިސް ތެރޭގައި ވަޅުލައިގެން އެއްވެސް މީހަކަށް ހުރެވިފައެއް ނެތެވެ.