ހަބަރު

އިންޑިއާގެ އަސްކަރީ މަތިންދާބޯޓުގެ މައުލޫމާތު ސާފުކޮށްދީފި

Sep 8, 2020
6

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި، އިންޑިއާގެ އަސްކަރީ ދެ މަތިންދާބޯޓު ހދ. ހަނިމާދޫއަށް ޖެއްސި ކަމަށް ބުނެ ފާޅުކުރަމުން ދާ ކަންބޮޑުވުންތަކާ ގުޅިގެން، އެކަން އެމްއެންޑީއެފުން ސާފުކޮށްދީފި އެވެ.

އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ މަތިންދާބޯޓުތަކެއް ރާއްޖެއަށް މިއަދު ހެނދުނު ޖައްސަނިކޮށް ނަގާފައިވާ ފޮޓޯތަކާއެކު އިދިކޮޅު ބައެއް ބޭފުޅުން ގެންދަވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ އެ މަތިންދާބޯޓުތައް ރާއްޖެ އައިސްފައި ވަނީ، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބެލުމަށް އިންޑިއާ ސިފައިންނާ ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި އާއްމުކޮށް އޮޕަރޭޝަނަށް ދެ ފްލައިޓް އަންނާނެ ކަމަށާއި، ނަމަވެސް އޮޕަރޭޝަނުގައި ބޭނުން ކުރާނީ އެންމެ ފްލައިޓެއް ކަމަށެވެ.

"އާއްމުކޮށް އޮޕަރޭޝަނަށް ދެ ފްލައިޓު އަންނާނެ. އެއީ ބެކަޕް ފްލައިޓަކާއި އޮޕަރޭޝަންގައި ބައިވެރިވާ ފްލައިޓެއް. އެތަނުން ބެކަޕް ފްލައިޓު އާއްމުކޮށް އަންނަ ދުވަހު ފުރާނެ. އެގޮތުން، ބެކަޕް ފްލައިޓު އެނބުރި މިއަދު އެނބުރި ފުރާނެ،" އާޒިމް ވިދާޅުވި އެވެ.

އަދި އޮޕަރޭޝަންގައި ބައިވެރިވާ ފްލައިޓު މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި އޮންނާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

ނަމަވެސް، އެ ފްލައިޓުގައި އައި އިންޑިއާ ސިފައިން ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނު ކުރާނެތޯ އޮޅުންފިލުވުމަށް ކުރި ސުވާލުތަކަށް އަދި ޖަވާބު ދީފައެއް ނުވެ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ހަތިޔާރާއެކު ތިބޭ ކަމަށް އެކި ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނެތް ކަމަށާއި ގާނޫނުއަސާސީ އާއި ރާއްޖޭގެ މިނިވަންކަން ސިފައިން ދަމަހައްޓާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ދާދި ފަހުން ވަނީ ވިދާޅުވެ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.

ޝަމާލް އެހެން ވިދާޅުވި ނަމަވެސް އިންޑިއާ ސިފައިންގެ ގިނަ ބަޔަަކު ރާއްޖެ ބައެއް ސަރަހައްދުތަކުގައި ގާއިމުވެ ތިބެ އެވެ. އަދި އިންޑިއާއިން ރާއްޖޭގައި "ހަދިޔާކޮށް" ހަމަ އެކަނި އިންޑީއާ ސިފައިން ބޭނުން ކުރާ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ވެސް ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭގައި ގައިމުގެ ތިބެ އެވެ. އިންޑިއާ ސިފައިންގެ ބަޔަކު އަކި ނަން ނަމުގައި ތިބޭ ތިބުމާމެދު ދިވެހި ރައްޔިތުންގެ ތެެރެއިން ގިން ބަޔަކު ދެކޮޅު ހަދާއިރު މިހާރު ވެސް "އިންޑިއާ އައްޓް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިންގައި ވަރަށް ފުޅާކޮށްފައި ވެއެވެ.