ހަބަރު

ޝަރީއަތަށް ފޯނާއި ލެޕްޓޮޕް ވެއްދުމުގެ ފުރުސަތު ދެނީ

Sep 8, 2020

ޝަރީއަތްތަކުގައި ފޯނާއި ލެޕްޓޮޕް ބޭނުން ކުރުމުގެ ފުރުސަތު ވަކީލުންނަށް ދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި އެ ވަކީލުންނަށް ފޯނާއި ލެޕްޓޮޕާއި ޓެބްލެޓު ވެއްދުމުގެ ފުރުސަތު ދޭން ނިންމީ ކޮވިޑް-19 ފެތުރޭތީ، ޝަރީއަތްތަކުގައި ކަރުދާސް ބޭނުންކުރުން މަދު ކުރުމަށްޓަކައި ކަމަށެވެ.

އެގޮތުން، ޝަރީއަތްތަކުގެ ތާވަލް ކަނޑައެޅުމަށް ވަކީލުންނާ މަޝްވަރާ ކުރާއިރު، ފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތައް ޝަރީއަތަށް ނުވެއްދޭތީ ތާވަލް ބެލުމަށްޓަކައި އަޑުއެހުންތައް މެދުކަނޑާލަން ޖެހޭތީ ކޯޓުގެ ވަގުތުތަކެއް ގެއްލިގެންދާކަމަށް ބުނެފައިވެ އެވެ.

އެހެންވެ، ލެޕްޓޮޕާއި ޓެބްލެޓާއި ފޯނު ވެއްދުމުގެ ފުރުސަތު ދޭން ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް އެ ބަޔާނުގައިވެ އެވެ.

ކޯޓުން އިތުރަށް ބުނީ، އެފަދަ ވަސީލަތްތައް ޝަރީއަތުގެ މަޖިލީހަށް ވެއްދުމުގެ ފުރުސަތު ދިނަސް، އަޑުއެހުންތައް ރެކޯޑް ކުރުމާއި ވީޑިއޯ ކުރުމަކީ މަނާ ކަމެއް ކަމަށެވެ، އަދި އެފަދަ ކަމެއް ކޮށްފި ނަމަ ފިޔަވަޅު އެޅިދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ފޯނާއި ޓެބްލެޓާއި އިލެކްޓްރޯނިކް އެއްވެސް އާލާތެއް ޝަރީއަތުގެ މަޖިލިސްތަކުގައި ބޭނުން ކުރުމުގެ ފުރުސަތު ކޯޓުތަކުން މީގެކުރިއަކުން ނުދެ އެވެ. އަދި އެފަދަ ވަސީލަތެއް ޝަރީއަތުގެ މަޖިލީހަށް ވެއްދިިޔަސް، ބައެއް ކޯޓުތަކުން އެކަމަށް ވަގުތުން ފިޔަވަޅު އަޅަ އެވެ.