ހަބަރު

ޗާޓަޑް އެކައުންޓަންޓުންގެ ބިލު ތަސްދީގުކޮށްފި

Sep 8, 2020

ޗާޓަޑް އެކައުންޓަންޓުންގެ އިންސްޓިޓިއުޓެއް އުފައްދައި، އެތަނުން ދޫކުރާ ލައިސަންސެއް އޮވެގެން ނޫނީ އޮޑިޓު ނުކުރެވޭ ގޮތަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން މިދިއަ މަހު ފާސްކުރި ރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

"އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ ނަމުގައި ރާއްޖޭގައި ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓެއް އުފައްދަން ގާނޫނެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ.

އެގޮތުން، އެ ބިލު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މިދިއަ މަހުގެ 26 ވަނަ ދުވަހުގެ ޖަލްސާގައި ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 67 މެންބަރުންގެ އިއްތިފާގުންނެވެ.

ބިލު ހުށަހަޅާފައި ވަނީ ރާއްޖޭގެ އެކައުންޓެންސީ ފަންނާގުޅޭ ކަންކަން، ބައިނަލްއަގުވާމީ އުސޫލުތަކާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި ޗާޓަޑް އެކައުންޓެންސީގެ ފަންނެއް ގާއިމުކޮށް އެ ފަންނު ކުރިއެރުވުމަށް މަގުފަހި ކުރާށެވެ.

އެގޮތުން "އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ ނަމުގައި ގާނޫނީ ޝަހްސެއް އުފައްދައި، އެ އިންސްޓިޓިއުޓްގެ މެމްބަރުންގެ ޝަރުތުތަކާއި، އެ މެމްބަރުން އަމަލު ކުރަން ޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތަކާއި، އެނޫން ވެސް ކަންކަމާ ގުޅޭ އުސޫލުތައް ބިލުގައި ބަޔާން ކޮށްފައިވެ އެވެ.

މި ގާނޫނު ފާސްވެ، ތަސްދީގު ކުރުމަށްފަހު ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އުފެދިގެން ދާނެ އެވެ. އެ އިންސްޓިޓިއުޓް ވެގެން ދާނީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހްސަކަށެވެ.

އެ އިންސްޓިޓިއުޓްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ޗާޓަޑް އެކައުންޓެންސީ ފަންނު ރެގިއުލޭޓްކޮށް ކުރިއެރުވުމާއި، އިންސްޓިޓިއުޓްގެ މެމްބަރުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި، އެކައުންޓެންސީ ދާއިރާގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ ފަރާތްތަކަކީ، އެކައުންޓެންސީގެ ދާއިރާއިން ފަންނީ ތައުލީމާއި ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ކަމުގައި ހެދުމަށް މަސައްކަތް ކުރުމެވެ.