ހަބަރު

ފްލެޓު ގަތް މައްސަލަ އަލުން ބަލާތީ އަދުރޭ ނުރުހުން

Sep 8, 2020
1

ރެހެންދި އިމާރާތުން ދެ ފްލެޓު ބައްލަވައިގަތް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަލުން ބަލަން ފެށުމުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ނުރުހުން ސަރުކާރަށް އަމާޒު ކުރައްވައިފި އެވެ.

އެފްޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރި ރެހެންދި-6 އިން އަބްދުއްރަހީމްގެ ދެކަނބަލުން ނުވަ މިލިއަން ރުފިޔާއަށް ދެ ފްލެޓު ބައްލަވައިގަތް މައްސަލަ މީގެ ކުރިން އޭސީސީން ބެލި އެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައި ނެތްކަމަށް ނިންމައި، އެ މައްސަލަ އޮތީ ފައިލްކޮށްފަ އެވެ.

ކުރީގެ ކޮމިޝަނުން ބަލައި ފައިލް ކޮށްފައިވާ މައްސަލަތައް އަލުން ބަލަމުން އަންނައިރު އަދުރޭ ފްލެޓު ގަތް މައްސަލައިގައި ވެސް އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުން ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓެގު ކުރައްވައި އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައްސަލަތައް އުފައްދައިގެން ބެލިޔަސް، މި ސަރުކާރުން ކުރާ "ވިޔާނުދާ" ކަންތައްތަކުގެ ވާހަކަ ދެއްކުން ހުއްޓައި ނުލައްވާނެ ކަމަށެވެ.

"އުލު ބޭންދިޔަސް، ކަތުރުން ކޮށާ ކާޅަށް ދިނަސް ދީނާ ގައުމުގެ ހައްގުގައި ކުރާ މަސައްކަތުގައި ފަސް ޖެހުމެއް ނެތް،" އަދުރޭ ވިދާޅުވި އެވެ.