ހަބަރު

އުރަމަތީ ކެންސަރާބެހޭ ކެމްޕެއިން މިމަހު ރާއްޖޭގައި: ކެއާ ސޮސައިޓީ

އުރަމަތީ ކެންސަރަށް ހޭލުންތެރި ކުރުމުގެ ކެމްޕެިންގެ ދަށުން ގިނަ މަޝްރޫއުތަކެއް މިމަސް ތެރޭގައި ކުރިޔަށް ގެންދާނެ ކަމަށް ކެއާ ސޮސައިޓީ އިން ބުނެފި އެވެ.

އުރަމަތީ ކެންސަރަށް ހޭލުން ތެރިކުރުމަށް މިމަހު ހިނގާ ކެމްޕެިން އާބެހޭ ގޮތުން ވާހަކަދައްކަވަމުން ކެއާ ސޮސައިޓީގެ ޗެއާ ޕާސަން ޖުވޭރިޔާ ސައީދު ވިދާޅުވީ މިމަހަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އުރަމަތީ ކެންސަރަށް ހޭލުން ތެރިކުރުމުގެ ތަފާތު މަޝްރޫއުތަށް ހިނގާ މަހެއް ކަމަށާއި އެގޮތުން ރާއްޖޭގައި ވެސް މިކަން ވަރަށް ފުރިހަމަޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިމަސް ތެރޭގައި އުރަމަތީ ކެންސަރަށް މީހުން ހޭލުން ތެރި ކުރުމުގެ ގޮތުން ތަފާތު މަޝްރޫއު ތަކެއް ހިނގަން ހަމަޖެހިފައިވާ ކަމަށް ޖުވޭރިޔާ ވިދާޅުވި އެވެ.

"އުރަމަތީ ކެންސަރަށް މީހުން ބިރު ނުގަނެ އެބަލި ހުރިތޯ ބެލުމަށް މީހުންނަށް އިރުޝާދުދީ ވަގުތު ފާއިތު ނުވަނީސް ކެންސަރަށް ސަމާލުވުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ ކެމްޕެއިން އެއް މިއީ. ކޮންމެ އަހަރަކުވެސް އޮކްޓޯބަރު މަހު މިފަދަ ކެމްޕެއިން މުޅި ދުނިޔޭގައި ކުރިޔަށްދޭ. އެގޮތުން ރާއްޖޭގައިވެސް ވަރަށް ފުރިހަމަޔަށް މިކަން ގެންދިޔުމަށް ރާވައިފައިވާނެ،" ޖުވޭ ވިދާޅުވި އެވެ.

އުރަމަތީ ކެންސަރަށް ހޭލުން ތެރިކުރުމަށް މިމަހު ހިނގާ ކެމްޕެިންގެ ތެރެއިން މިއަދު ހުރަވީ ބިލްޑިންގައި މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަނާ ގުޅިގެން ވަނީ ޓީޓީ ކުޅީވަރުގެ ހަރަކާތް ތަކެއް ބާއްވާފައި ވެއެވެ. އަދި ކެންސަރު ޖެހިފައިވާ ފަރާތް ތަކަށް އެހީ ވުމަށް ފަނޑު ފޮއްޓެއް ބަހައްޓައި، އުރަމަތީ ކެންސަރާއި ބެހޭ މައުލޫމާތު ދިނުމާއި އަދި އެބަލިން ސަލާމާތްވުމަށް ކުރަން ޖެހޭ ކަންތަކުގެ މެސެޖު ދިނުން އޮތެވެ. މިހަރަކާތް ތަށް އޮތް ތިން ދުވަހު 9:30 އިން ހަވީރު 3:00 އަކަށް ހުރަވީ ބިލްޑިންގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ޖުވޭރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން މިމަހު ފަހުކޮޅު 26، 27 އަދި 28 ގައި ސިންގަޕޫރުގެ މައްޝޫރު ހޮސްޕިޓަލް މުއުންޓު އެލިޒަބަތްގެ ޑޮކްޓަރުންގެ ޓީމެއް ވަޑައިގަންނަވާނެ ކަމަށާއި ބ. އަތޮޅުގައި އުރަމަތީ ކެންސަރު ހުރިތޯ ބެލުމުގެ ގޮތުން ސްކްރީނިން ޕްރޮގްރާތަކެއް ހިނގާން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ކެއާ ސޮސައިޓީ އަދި ކެންސާސޮސައީޓީ ގިޅިގެން މިމަހު 24 ވަނަދުވަހު ހަވީރު "ޕިންކް ރިބަން ރަން"ގެ ނަމުގައި ރާޅުގަނޑުން ފަށައިގެން ދުވުމެއް އޮންނާނެ ކަމަށާއި އަދި މި ދުވުމުގައި ކެންސަރަށް ހޭލުން ތެރިވުމުގެ މެސެޖުތަށް ދައްކާލުމަށް ވަނީ ހަމަޖެހިފަވާ ކަމަށް ޖުވޭރިޔާ ވިދާޅުވި އެވެ.

ކެންސަރަށް މީހުން ހޭލުން ތެރި ކުރުމުގެ ގޮތުން މިދިޔަ އަހަރު އޮކްޓޯބަރު މަހުވެސް ވަނީ މިފަދަ ހަރަކާތް ތަކެއް ހިނގާފައެވެ. އަދި މިދިޔަ އަހަރު ހިނގާ މަޝްރޫއުތަކަށް ވުރެއް މިއަހަރު މާ ފުރިހަމަ ވާނެ ކަމަށް ޖުވޭރިޔާ ފާހަގަ ކުރެއްވި އެވެ.