ހިމާލަޔަން ބޯޑަރުގައި ޗައިނާ އާއި އިންޑިއާއިން ބަޑީގެ ހަމަލަތަކެއް ބަދަލު ކޮށްފި ކަމަށް ޗައިނާއިން ބުނެފި އެވެ. ޗައިނާއިން ބުނި ގޮތުގައި މި ހަމަލައަށް ރައްދު ދިނުމުގެ ގޮތުން އެ ގައުމުން ވެސް ވާނީ ފިޔަވަޅެއް އަޅާފަ އެވެ. އެކަމަކު އިންޑިއާ ސަރުކާރުން ވަނީ ޗައިނާގެ ވާހަކަތައް ދޮގު ކޮށްް ޗައިނާއިން ހަމަލާ ދިން ކަމަށް ބުނެފަ އެވެ.
ފަހަކަށް އައިސް މި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
އިންޑިއާއިން ބުނާ ގޮތުގައި ޗައިނާގެ ޕީޕަލްސް ލިބެރޭޝަން އާމީ (ޕީއެލްއޭ) އިން ވަނީ އިންޑިއާގެ ސިފައިންގެ މަގާމުތަކަކަށް އިސްވެ ހަމަލާ ދީފަ އެވެ. އަދި އިންޑިއާއިން ދެ ގައުމުގެ ބޯޑަރުގައިވާ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ގައި ގަވާއިދާއި ހިލާފު އެއްވެސް އަމަލެއް ނުހިންގާ ކަމަށް ވެސް އިންޑިއާގެ އަސްކަރީ ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
މި ތުހުމަތަކީ ތެދެއް ކަމުގައިވާނަމަ މިއީ ވޭތުވެދިޔ 45 އަހަރުގެ ތެރޭގައި މި ސަރަހައްދުގައި ހިނގި މިބަވާތުގެ ފުރަތަމަ ކުރިމަތިލުމެވެ.
ނަވާރަސަތޭކަ ނުވަދިހަ ހަވަނަ އަހަރު ދެ ގައުމުގެ މެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ބަޑި އާއި ގޮވާތަކެތި އެލްއޭސީގައި ބޭނުމެއް ނުކުރެވޭނެ އެވެ. އެކަމަކު މި ސަރަހައްދުގައި މީގެ ކުރިންް ވެސް ދެފަރާތުގެ ދެމެދުގައި އަރައިރުންތައް ހިނގައިފައި ވެއެވެ.
ޗައިނާގެ "ގްލޯބަލް ޓައިމްސް" އިން ބުނެފައިވާ ގޮތުގައި އިންޑިއާއިން ވަނީ އެލްއޭސީގެ ގަވާއިދާއި ހިލާފަށް ހުރަސް ކޮށް ޝެންޕާއޯ ފަރުބަދައިގެ ސަރަހައްދަށް ވަދެފަ އެވެ. އަދި އިންޑިއާގެ އެ އަމަލަކީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެގްރީމެންޓުތަކާއި ހިލާފު ކަމެއް ކަމަށާއި އޭގެ ސަބަބުން މައްސަލަ އިތުރަށް ހޫނުވާނެ ކަމަށަށް ޗައިނާ ދެކޭ ކަމަށެވެ. ޕީއެލްއޭގެ ފަރާތުން ކާނަލް ޒަންގް ޝުއިލީ ވެސް ވަނީ އެ މޭރުމުން ވާހަކަ ދައްކަވާފަ އެވެ.
އިންޑިއާގެ އަސްކަރީ ފަރާތްތަކުން ބުނަނީ އެ ގައުމުގެ އެއްގަމު ސިފައިން ތިބީ ކޮންމެ ފަދަ ހާލަތެއްގައި ވެސް ސުލްހަ ގާއިމް ކުރުމުގެ ފުރިހަމަ އަޒުމްގައި ތެދުވެރިކަމާއެކު ކަމަށެވެ. އަދި ގައުމުގެ އިސްތިގުލާލު ދެމެހެއްޓުމަށް ތައްޔާރަށް ތިބި ކަމަށެވެ.
މި ކުރިމަތިލުންތައް އައިސްފައި މި ވަނީ އިންޑިއާގެ މިލިޓަރީން އެ ގައުމުގެ އާންމު ރައްޔިތުންގެ ފަސް މީހަކު ޗައިނާއިން ކިޑްނެޕް ކުރިކަމަށް އެ ގައުމަށް އަންގައި ޝަަކުވާ ކުރިތާ އެއްދުވަސް ފަހުންނެވެ. އަދި ޗައިނާއިން ވަނީ ގެއްލުނު ފަސް މީހުން ޗައިނާގެ ސަރަހައްދަކުން ފެނުނު ކަމަށް އެއްބަސްވެ އެމީހުން އިންޑިއާއި ހަވާލު ކުރުމުގެ ކަންތައް ހަމަޖައްސަމުންދާ ކަމަށް ވެސް ބުނެފަ އެވެ
.
ޗައިނާ އާއި އިންޑިއާ އަކީ ދުނިޔޭގައިވާ އެންމެ ބޮޑު އެއްގަމު ސިފައިންގެ ލަޝްކަރު އޮތް އަދި ދުނިޔޭގެ އެންމެ ބޮޑު ދެ އާބާދީ އެވެ. މި ދެގަައުމު ވަނީ 1962 ވަނަ އަހަރު ހަނގުރާމައެއް ކޮށްފަ އެވެ. އެ ހަނގުރާމާގައި ވަރަށް ލަދުވެތިގޮތަކަށް އިންޑިއާ ވަނީ ޗައިނާ އަތްދަށު ވެފަ އެވެ.