ކުޅިވަރު

ޓީޓީގެ ރައީސް ކަމަށް އައްޔަ

ޓީޓީ އެސޯސިއޭޝަންގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އަލީ ރަޝީދު އިންތިހާބު ކޮށްފި އެވެ.

އިންތިހާބު އައްޔަ ކާމިޔާބު ކުރީ، ރައީސް ކަމުގެ މަގާމަށް އޭނާ އާ ވާދަ ކުރި، ޣިޔާސުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އަދި ޓީޓީގެ ބޮޑު ފޭންއެއް ކަމަށްވާ، ތޯހާ ސަލީމް ބަލި ކުރުމަށް ފަހު އެވެ. މަގާމު އައްޔަ ދިފާއު ކުރީ 75 ވޯޓްގެ ތަފާތަކުންނެވެ. އައްޔައަށް ލިބިވަޑައިގެންނެވީ 155 ވޯޓެވެ. ތޯހާއަށް 80 ވޯޓެވެ.

އެކްސްކޯގެ މަގާމުތަކަށް ވަކިވަކިން ވާދަ ކުރެއްވި ނަމަވެސް، އިންތިހާބުގެ ކެމްޕޭން ދިޔައީ ދެ ޓީމެއްގެ ސިފައިގަ އެވެ. ޓީމު އައްޔަ އާއި ޓީމު ތޯހާގެ ނަމުގައި އިންތިހާބަށް ކެމްޕޭން ކުރިއަށް ދިޔައިރު އެކްސްކޯގެ ހުރިހާ މަގާމުތަކެއް ކާމިޔާބު ކުރެއްވީ އައްޔަގެ ޓީމެވެ. އެގޮތުން ޓީޓީއޭއެމްގެ ނައިބުރައީސަކަށް ހޮވުނީ އައްޔަގެ ޓީމުގެ އިބްރާހިމް ޝިއުރީ އެވެ. ކުރީގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާ ޝިއުރީއާ ވާދަ ކުރެއްވީ ތޯހާ ޓީމުގެ އަބްދުﷲ ޝަރީފެވެ. ޝިއުރީ އިންތިހާބު ކާމިޔާބު ކުރެއްވީ 165 ވޯޓް ހޯއްދަވައިގެނެވެ. އިބްރާހިމް ޝަރީފަށް ލިބިވަޑައިގެންނެވީ 71 ވޯޓެވެ.

ހަޒާންދާރު ކަމަށް ހޮވިވަޑައިގެންނެވީ ޓީމު އައްޔަގެ އަހްމަދު ޝާޒިލް އެވެ. އެ މަގާމަށް އޭނާ އާ ވާދަ ކުރެއްވީ ބެޑްމިންޓަން އެސޯސިއޭޝަންގެ ކުރީގެ ހަޒާންދާރު އަދި ކުރިން ޓީޓީ ކުޅުއްވި މުހައްމަދު ސައީދެވެ. ޝާޒިލް އިންތިހާބު ކާމިޔާބު ކުރެއްވީ 152 ވޯޓް ހޯއްދަވައިގެންނެވެ. ސައީދަށް ލިބިވަޑައިގެންނެވީ 85 ވޯޓެވެ.

އެކްސްކޯގައި ކުލަބުތައް ތަމްސީލު ކުރާ މެންބަރު މަގާމު ސީވިޑް އިބްރާހިމް ލަތީފުއާ ވާދަ ކޮށް އިންތިހާބު ކާމިޔާބު ކުރެއްވީ ޖާދުﷲ ހަސަނެވެ. އޭނާ އަށް 12 ކުލަބަކުން ވޯޓް ދީފައި ވެއެވެ.

އެކްސްކޯގައި ފަރުދީ މެންބަރުންގެ އަންހެން މެންބަރު ކަމުގެ މަގާމަށް، ރާއްޖޭގެ އުފެދުނު އެންމެ މޮޅު ޓީޓީ ކުޅުންތެރިޔާ މުއިނާ މުހައްމަދާއި ވާދަ ކުރެއްވީ އައިޝަތު ސަމާހަތެވެ. ޓީޓީ ލައިން އެތޭރޭގައި ކިތަންމެ ގިނަ ކާމިޔާބެއްވެސް މުއިނާ ހޯއްދެވި އެވެ. އޭނާއަކީ ރާއްޖޭގެ ގައުމީ އަންހެން ޗެމްޕިއަނުންގެ ރެކޯޑް ހޯލްޑާ އެވެ. ނަމަވެސް އިންތިހާބުގައި އޭނާއަށް ކާމިޔާބެއް ނުވި އެވެ. ސަމާހަތު މަގާމު ކާމިޔަބު ކުރެއްވީ 143 ވޯޓާ އެކު އެވެ. މުއިނާއަށް 91 ވޯޓެވެ.

އިންތިހާބުގައި ހާމަކަން ގެއްލިފައިވާ ކަމަށާއި އިންސާފުވެރި އިންތިހާބަކަށް އިންތިހާބު ހެދުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު އިންތިހާބު ބޭއްވުމަށް އެދި ސްޕޯޓްސް ކައުންސިލަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ ދައުގެ އެކްސކޯ މެންބަރު އަދި ކުރީގެ ގައުމީ ޗެމްޕިއަން އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) އެވެ. ސްޕޯޓްސް ކައުންސިލުން އެ މައްސލައިގައި ހައްލެއް ހޯދައި ނުދިނުމުން، އަލިބެ ވަޑައިގެންނެވީ ކޯޓަށެވެ. އިއްޔަ ސިވިލް ކޯޓުން ވެސް ނިންމީ އިންތިހާބު ފަސް ކޮށްދެވެން ނެތް ކަމަށެވެ. ކޯޓުގެ މަރުހަލާއިން ނާކާމިޔާބުވި އަލިބެއަށް އިންތިހާބުގައިވެސް ކުރިމަތިވެވަޑައިގަތީ ނާކާމިޔާބެވެ.

އެކްސްކޯގައި ފަރުދީ މެންބަރުންގެ ތަމްސީލު ކުރާ ފިރިހެން މެންބަރު ކަމުގެ މަގާމުގައި އަލިބެ އާ ވާދަ ކޮށް ކާމިޔަބު ހޯދީ އައްޒާމު އިބްރާހިމް އެވެ. އޭނައަށް ލިބިވަޑައިގެންނެވީ 154 ވޯޓެވެ. އަލިބެ އަށް ލިބިވަޑައިގެންނެވީ 79 ވޯޓެވެ. އެސޯސިއޭޓް މެންބަރު ކަމުގެ މަގާމަށް ވާދަ ކުރެއްވީ އިސްމާއީލް ސުޖާއު އާއި އައިޝާތު ފަދުވާ ރަޝީދެވެ. އެ މަގާމު ކާމިޔާބު ކުރެއްވީ ޓީމު އައްޔަގެ އިސްމާއީލް ސުޖާއު އެވެ. އޭނައަށް ލިބިވަޑައިގެންނެވީ 144 ވޯޓެވެ. ފަދުވައަށް ލިބިވަޑައިގެންނެވީ 93 ވޯޓެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ މިފަހަރު ފެންނާނެ އެންމެ ވާދަވެރި އިންތިހާބަކީ ޓީޓީއޭއެމްގެ އިންތިހާބެވެ. ބައިނަލްއަގްވާމީ ފެންވަރުގައި މިދިޔަ ފަސް އަހަރު އެންމެ ގިނަ ކާމިޔާބު ހޯދި ޓީޓީގެ އިންތިހާބުގެ ކުރިން މައްސަލަ ކޯޓަށް ދިއުމުން، ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމުގެ އިންޒާރު އައިޓީޓީއެފުން ދީފައި ވެއެވެ. ކޯޓުގައި އަލިބެގެ ފަރާތުން ވަކާލަތު ކުރެއްވ، ކުރިން ޓީޓީ ކުޅުއްވި މަޖިލީހުގެ މެނބަރު ހަސަން ލަތީފު ވިދާޅުވީ ރާއްޖޭގެ ޓިޓީ ސަސްޕެންޑް ކުރާނެ ވާހަކަ އައިޓީޓީއެފުން ސީދާ ބުނެފައި ނުވާ ކަމަށެވެ. މައްސަލައިގެ ތެރެއަށް އައިޓީޓީއެފުން ދެ ވަނަ ފަހަރަށް ވަދެ، ޓީޓީއޭއެމްއަށް ފޮނުވާފައިވާ ސިޓީގައި ހާއްސަ ކޮށް ބުނެފައި ވަނީ ރާއްޖޭގެ ސިވިލް ކޯޓަށް މައްސަލަ ނުބެލޭނެ ކަމަށެވެ. މައްސަލަ ހައްލު ކުރުމަށްޓަކައި ރާއްޖެއިން ނަަމަ އެކަމުގެ އެންމެ މަތީ މަސްލަހަތު ލިބިފައި ވަނީ ރާއްޖޭގެ ކުޅިވަރުގެ ގައުމީ މަޖިލީހަށް ކަމަށްވެސް އައިޓީޓީއެފުން ބުނެފައި ވެއެވެ.

އެހެންނަމަވެސް އެ މައްސަލައަކީ ރާއްޖޭގެ ކޯޓަކުން ނުބެލޭނެ މައްސަލައެއް ކަމަށް ސިވިލް ކޯޓަކުން ނުދެކެ އެވެ. ކޯޓުން އިންތިހާބު ފަސް ކުރުމަށް ހުކުމް ނެރެދީފައި ނުވަނީ ޝަރީއަތުގެ މަރުހަލާއަކީ ގިނަ ދުވަސްތަކަކަށް ދެމިގެންދާނެ މަރުހަލާއަކަށް ވާތީ، ޓީޓީގެ އިންތިހާބު އިތުރަށް ފަސް ކޮފިނަމަ ޓީޓީ އެސޯސިއޭޝަންގެ ހިންގުމަށާއި ޓީޓީގެ ކުޅުންތެރިންނަށް ލިބިދާނެ ގެއްލުން މާ ބޮޑު ވެދާނެތީ އެވެ.