ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހޯނޑެއްދޫ

ހޯނޑެއްދޫ: އިތުރު 10 މީހަކު ޕޮޒިޓިވްވެއްޖެ

ގދ. ހޯނޑެއްދޫއިން އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އެ މީހުންނާއެކު އެ ރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 35 އަށް އަރާފައެވެ.

މާލެ ސިޓީގެ އިތުރުން ކޮވިޑްގެ ބަލި މީހުން އެންމެ ގިނައިން ތިބީ ހޯނޑެއްދޫގަ އެވެ.

ހެލްތް މިނިސްޓްރީން މިރޭ ބުނީ މިއަދު ޕޮޒިޓިވްވި މީހުންނަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވިގެން ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުން ކަމަށެވެ. ޕޮޒިޓިވްވެފައިވަނީ ފަސް އަންހެނުންނާއި ފަސް ފިރިހެނުންނެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

މީގެ އިތުރުން އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އުމުރުން 80 އަހަރުގެ ފިރިހެނަކާއި 64 އަހަރުގެ އަންހެނަކު ގއ. ވިލިނގިލީ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ބަދަލުކޮށް އެޑްމިޓްކޮށްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އުމުރުން 80 އަހަރުގެ ފިރިހެން މީހާގެ ހާލަތު މިވަގުތު އެހާ ރަނގަޅެއް ނޫނެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ކޮވިޑް ޖެހޭ މީހުންްގެ ތެރެއިން ހައި ރިސްކު މީހުން ފެސިލިޓީތަކަށް ބަދަލު ކުރަމުން ގެންދާ ކަމަށެވެ. ހޯނޑެއްދޫން ބަދަލުކުރި ދެ މީހުންނަކީ ވެސް ހައި ރިސްކު ކެޓަގަރީގެ މީހުން ކަމަށެވެ. އެމީހުންގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ހޯނޑެއްދޫއަށް ކޮވިޑް ބަލި ދިޔައީ ކިހިނެއްކަން ދެނެ ގަތުމަށް އިންވެސްޓިގޭޝަނެއް ވަނީ ފަށާފަ އެވެ. އަދި އެ ރަށުގައި ބަލި ޖެހިފައި ތިބި އެންމެން ދެނެގަތުމުގެ މަސައްކަތާއި އެ ރަށުގައި ބަލި އިތުރަށް ފެތުރުުމުގެ ފުރުސަތު ބަންދު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ވެސް ވަނީ ފަށާފައެވެ.