ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބަޔޯންޓެކާއި ފައިޒާގެ ވެކުސިނުން އޮކްޓޫބަރުގައި ކޮވިޑަށް ޖަވާބުދޭނެ

ބާލިން، (ޖާމަނީ) - އެމެރިކާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމުގައިވާ ފައިޒާ އާއި ޖަރުމަނުގެ ބަޔޯންޓެކް ގުޅިގެން އުފައްދާ ކޮވިޑް ވެކްސިން އަންނަ އޮކްޓޫބަރު ނުވަތަ ނޮވެމްބަރުގައި އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ ލިބޭނެ ކަމަށާއި ޔަގީންކަން ބޮޑު އެ ވެކްސިނަކީ ކޮވިޑަށް ދޭ ފުރިހަމަ ޖަވާބަކަށް ވާނެ ކަމަށް ބަޔޯންޓެކް ކުންފުނިން ބުނެފި އެވެ.

އެ ކުންފުނީގެ ސީއީއޯ އަދި ކޯ ފައުންޑާ އުގުރް ސަހިން ވިދާޅުވި ގޮތުގައި ގުޅިގެން އުފައްދާ ކޮވިޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ވަރަށް އަވަހަށް ލިބޭނެ އެވެ. އަދި ކްލިނިކަލް ޓްރަޔަލްގައި އޮތް އެ ވެކްސިން އެއީ މާނައެއް ނެތް ވެކްސިނަކަށް ވެގެނެއް ވެސް ނުދާނެ އެވެ.

އޭނާ އަދި ވިދާޅުވީ އެ ވެކްސިންއަކީ ސަލާމަތީ ގޮތުން ރައްކާތެރި އަދި އިތުބާރު އޮތް ވެކްސިނެއް ކަމުގައި ވާނެ ކަމަށް ޔަގީންކަމާއެކު އުންމީދު ކުރައްވާ ކަމަށެވެ.

ފައިޒާ އާއި ބަޔޯންޓެކްން ބުނެފައިވާ ގޮތުގައި މިި އަހަރު އެމީހުން 100 މިލިއަން ޑޯޒުގެ ވެކްސިން އުފައްދާނެ އެވެ. އަދި އަންނަ އަހަރު 1.3 ބިލިއަން ޑޯޒްގެ ވެކްސިން އުފައްދާނެ އެވެ. މި ދެ ކުންފުންޏަކީ ކޮވިޑް ބައްޔަށް މަތީ ފެންވަރުގެ ވެކްސިނެއް އުފައްދާނެ ކަމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ބޭސް އުފައްދާ ނުވަ ކުންފުނީގެތެރޭގައި ހިމެނޭ ދެ ކުންފުންޏެވެ.

މިދިޔަ ޖުލައި މަހު އެމެރިކާގެ ޑިޕާޓްމެންޓް އޮފް ހެލްތާއި ޑިޕާޓްމެންޓް އޮފް ޑިފެންސުން ބުނެފައި ވަނީ އެމެރިކާ ސަރުކާރުން 100 މިލިއަން ޑޯޒްގެ ވެކްސިން އުފައްދަން 1.95 ބިލިއަން ޑޮލަރު އިންވެސްވެސްޓު ކުރުމަށް ފައިޒާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި އެ ޑީލްގެ ދަށުން އިތުރު 500 މިލިއަން ޑޯޒްގެ ވެކްސިން ވެސް ވިއްކުމުގެ މަގު ވެސް ފަހިވާނެ ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި ފައިޒާ އާއި ބަޔޯންޓެކަކީ ކޮވިޑް-19 އިގެ ކްލިނިކަލް ޓެސްޓްތައް ހަދަމުންދާ 34 ކުންފުނީގެތެރޭގައި ހިމެނޭ އިތުބާރު ބޮޑު ދެ ކުންފުންޏެކެވެ.