އަވަށްޓެރި ތުރުކީ އާއި ގްރީސް އާއި ދެމެދެ މިހާރު އުފެދިފައިވާ ސިޔާސީ ހޫނާއި ހަމަނުޖެހުމުގެ ސަބަބުން އެކަން ދެން ފިނި ނުވެ ދެމި އޮވެދާނެތީ ގްރީސްގެ އަސްކަރިއްޔާ ވަރުގަދަ ކުރުމުގެ ގޮތުން އާ ހަތިޔާރުތައް ހޯދައި ސިފައިން އިތުރު ކުރުމުގެ މަސައްކަތް ހަލުއި ކުރަން ގްރީސްގެ ސަރުކާރުން ނިންމައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ތުރުކީން ކުރި ދިރާސާއެއްގައި އިރުމަތީ މެޑިޓެރޭނިއަން ކަނޑުގެ ސަރަހައްދަކުން ގުދުރަތީ ގޭހާއި ތެޔޮ ހުރިކަން އެނގުމާއެކު އެ ސަރަހައްދުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އަދި މަސްރަހު ހޫނުވާން ދިމާވީ އެ ސަރަހައްދަކީ އެތަނުގެ މިލްކުވެރިކަމާއި ގުޅޭގޮތުން ތުރުކީ އާއި ގްރީސް އަދި ސައިޕްރަސްއިން ވެސް ދައުވާ ކުރާ ސަރަހައްދަކަށްވުމުން އުފެދުނު ވާދައިގަ އެވެ.
ތުރުކީއާއި ގްރީސްއިން ވެސް ވަނީ މައްސަލަޖެހިފައިވާ ސަރައްދަށް އެ ދެގައުމުގެ އަސްކަރީ މަނަވަރުތަކާއި ވައިގެ ސިފައިންގެ ފައުޖުތައް ޖަމާ ކޮށްފަ އެވެ
ގްރީސްއިން ބުނާ ގޮތުގައި ތުރުކީން ދަނީ ކެނޑިނޭޅި ގްރީސްއަށް ބިރު ދައްކަމުންނެވެ. މިގޮތުން ތަފާތު ބަޔާންތައް ނެރެގެން ބިރު ދެއްކުމާއެކު ހަނގުރާމައިގެ ބިރު ވެސް ދަނީ ދައްކަމުންނެވެ އޭގެ ރައްދުގައި ގްރީސްއިން ދަނީ ސިޔާސީ ހާރިޖީ އަދި އެހެނިހެން ވަސީލަތްތައް ބޭނުން ކޮށްގެން ތުރުކީއަށް ރައްދު ދެމުންނެވެ. ގްރީސްއިން ބުނެފައިވާ ގޮތުގައި އެ ގައުމުން އޮތީ އިސްތިގްލާލް ދެމެހެއްޓުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށް ތައްޔާރުވެގެނެވެ. އެ ގޮތުން އާ ހަތިޔާރު ހޯދައި އަސްކަރިއްޔާއަށް މީހުން އިތުރު ކުރާނެ އެވެ.
ގްރީސް ސަރުކާރުގެ ތަރުޖަމާން ސްޓެލިއޯ ޕެޓްސާސް މިދިއަ ހޯމަ ދުވަހު ވިދާޅުވި ގޮތުގައި ބޮޑުވަޒީރު ކިރިއަކޯސް މިޓްސޮޓަކިސް އަންނަ ހޮނިހިރު ދުވަހު ގައުމާއި މުހާތަބު ކުރައްވާނެ އެވެ. އަދި އެ ތަގުރީރުގައި ގައުމުގެ އަސްކަރިއްޔާ ތަރައްގީ ކުރަން ނިންމާފައިވާ ޕްލޭނެއްގެ ތަފްސީލުތައް ހާމަ ކުރައްވާނެ އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިދިޔަ ހަފުތާގައި ގްރީސްގެ ސަރުކާރު 2.5 ބިލިއަން ޔޫރޯގެ ބޮންޑް ވިއްކާފައި ވެއެވެ. އެއީ އަސްކަރީ ހަރަދުތައް އިތުރު ކުރުމަށާއި ކޮރޯނާ ވައިރަސްގެ ސަބަބުން ގެއްލުންވެފައިވާ ވިޔަފާރިތަކަށް އެހީވުމަށެވެ.
ގްރީސްގެ މީޑިއާއިން ބުނާ ގޮތުގައި އެ ގައުމުން ގަންނަ ހަތިޔާރުގެ ތެރޭގައި ފްރާންސުން އުފައްދާފައިވާ ރަަފޭލް ފައިޓާ ޖެޓް އަދި އެންމެ މަދުވެގެން ކުޑަ އެއް މަނަވަރު ހިމެނެ އެވެ