ހަބަރު

އިންޑިއާ-ރާއްޖެ ދެ އެމްއޯޔޫއެއްގައި ސޮއިކޮށްފި

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން މިހާރަށްވުރެ ހަރުދަނާކޮށް، އެކި ދާއިރާތަކުން ދެގައުމުގެ އެހީ އިތުރުކުރުމަށް ދެ އެއްބަސްވުމެއްގައި އިންޑިއާ ރާއްޖެއިން ސޮއިކޮށްފި އެވެ.

ރާއްޖެ އިންޑިއާ ޖޮއިންޓް ކޮމިޝަން ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެ އިންޑިއާ ބައިލޭޓްރަލް އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޝުޝްމާ ސުވަރާޖް އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރާއްޖެ އިންޑިއާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވުމަށް އިއްޔެ އިންޑިއާ ސަރުކާރުގެ އިސް ވަފުދެއް ވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ. އެ ވަފުދުގައި އިސްކޮށް ހުންނެވީ އެގައުމުގެ ފޮރިން މިނިސްޓަރު ޝުޝްމާ ސުވަރާޖް އެވެ. ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އިސްކޮށް ހުންނެވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.

މި ބައްދަލުވުން ފެށުމުގެ ގޮތުން އިންޑިއާއިން ވަޑައިގެންނެވި ވަފުދާއި މުހާތަބުކުރައްވައި ދުންޔާ ވިދާޅުވީ، އިންޑިއާ އަކީ އަބަދުވެސް ރާއްޖެއާއި ވަރަށް ގާތުން މަސައްކަތްކުރުމުގައި ދެމިއޮންނަ ޒަމާންވީ އެކުވެރިއެއް ކަމަށެވެ. ދުންޠާ ވަނީ އިންޑިއާ ސަރުކާރުން ދިވެހިންގެ ފަސޭހަޔަށްޓަކައި ކުރައްވާފައިވާ ބައެއް ކަންކަން ފާހަގަކޮށް ޝުކުރު ދަންނަވާފަ އެވެ.

އިންޑިއާގެ މިނިސްޓަރު ޝުޝްމާ ވިދާޅުވީ، ރާޢްޖެ އިންޑިއާގެ ޒަމާންވީ ގުޅުން އެގޮތުގައި އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، މުސްތަގުބަލު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަމާ ބެހޭ މުހިއްމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި ބައްދަލުވުމާ ބެހޭ ގޮތުން އިންޑިއާ އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު ވިކާސް ސުވަރޫޕް ވިދާޅުވީ، މައިގަނޑު 4 ދާއިރާއަކުން މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ. އޭގެ ތެރޭގައި އިގްތިސޯދާއި ހަކަތައާއި ސިއްހަތުގެ އިތުރުން ގައުމީ ސަލާމަތާއި ބެހޭ ކަންކަން ވެސް ހިމެނޭ ކަމަށް ސުވަރޫޕް ވިދާޅުވި އެވެ.

ބައިލޭޓްރަލް އެއްބަސްވުމަށްފަހު ދެ ގައުމުން ވަނީ ކުޅިވަރުގެ ދާއިރާ ކުރިއަރުވަން އެހީތެރިވުމާއި، ޒުވާނުން ހަރުދަނާކުރަން ދެގައުމުގެ އެހީ ކަށަވަރުކުރުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަާތުން ސޮއިކުރެއްވީ ފޮރިން ސެކެރެޓަރީ ޑރ އަލީ ނަސީރު މުހައްމަދެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ ޑރ އެއް ޖައިޝަންކަރް އެވެ.

މި ބައްދަލުވުމާއި ބެހޭގޮތުން ފޮރިން މިނިސްޓްރީން އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.