ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސްވިޑެން ކޮޅަށް ޖެހި ދެ ލަނޑާއެކު ގައުމީ ޓީމަށް އޭނާ ޖަހައިދިން ލަނޑުގެ އަދަދު 100 އިން މައްޗަށް ހިނގައްޖެ އެވެ.
އިންޓަނޭޝަނަލް ލެވަލްގައި ރޮނާލްޑޯގެ ލަނޑުގެ އަދަދު މިހާރު ވަނީ 101 ޖެހިލާފަ އެވެ. އޭނާ ވެފައި ވަނީ މިހާރު އެކްޓިވްކޮށް ކުޅެމުންގެންދާ ކުޅުންތެރިންގެ ތެރެއިން 100 ވުރެ މައްޗަށް ލަނޑުގެ ފަރަގު ގެންދިޔަ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އިންޓަނޭޝަނަލް ލެވަލްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮންނަނީ އިރާންގެ މަޝްހޫރު އަލީ ދާއީ އަތުގަ އެވެ. އިރާންގެ ގައުމީ ޓީމަށް އަލީ ދާއީ ވަނީ 108 ލަނޑު ޖަހަ އިދީފަ އެވެ. ކުރިއަށް އޮތް ސީޒަންގައި އަންނާނެ އިންޓަނޭޝަނަލް ބުރޭކްތަކުގައި އަލީ ދާއީގެ ރެކޯޑް ރޮނާލްޑޯ މުގުރާލާނެ ކަމަށް ބެލެވެ އެވެ.
ސްވިޑެންގެ ސްޓޮކްހޯމްގައި ކުޅުނު މެޗު 2-0 ން ޕޯޗްގަލް ކާމިޔާބު ކުރީ 2-0 ންނެވެ. މިދިޔަ ހޮނިހިރު ދުވަހު ކްރޮއޭޝިއާ އާ ދެކޮޅަށް ޕޯޗްގަލް ކުޅުނު މެޗުގައި ރޮނާލްޑޯ ކުޅެފައެއް ނުވެ އެވެ. އޭނާގެ ފައިގެ ބޮޑުވައި އިނގިލީގައި އިންފެކްޝަން ހެދުމުން އެ މެޗުގައި އޭނާ ހުރީ ބެންޗުގަ އެވެ. ކްރޮއޭޝިއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗްގަލްގެ ޓީމުން ފެނުނު ޓެމްޕޯ ސްވިޑެންއާ ދެކޮޅަށް ނުފެނު ނަމަވެސް އުމުރުން 35 އަހަރުގެ ރޮނާލްޑޯ ވަނީ މުޅި މެޗުގައި ވެސް ޕޯޗްގަލްގެ ޑިފެންސަށް ބާރު ބޮޑު ކޮށްފަ އެވެ.
ޕޯޗްގަލްގެ ފުރަތަމަ ލަނޑު ރޮނާލްޑޯ ކާމިޔާބު ކުރީ، އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ. މެޗުގެ 44 ވަނަ މިނެޓްގައި ސްވިޑެންގެ އޭރިއާގެ ބޭރުން ޕޯޗްގަލްގެ ޖޯއާ މައުޓީނިއޯއަށް ސްވިޑެންގެ ގްސްޓާވް ސްވެންސަން ފައުލު ކުރުމުން ދިން ހިލޭ ޖެހުމެކެވެ. އޭގެ ކުރިން ރީނދޫ ކާޑެއް ދައްކާފައިވާ ސްވެންސަންއަށް އެ ފައުލާ ގުޅިގެން ދެ ވަނަ ރީނދޫކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ. އޭރިއާގެ ބޭރުން ރޮނާލްޑޯ ފޮނުވާލި ހިލޭ ޖެހުން ގޯލްތެރެއަށް ވަދެގެން ދިޔައިރު ސްވިޑެންގެ ކީޕަރު ރޮބިން އޮސްލެންއަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ. އެ ލަނޑަކީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 100 ވަނަ ލަނޑެވެ.
ޕޯޗްގަލްގެ ދެ ވަނަ ލަނޑު ރޮނާލްޑޯ ކާމިޔާބު ކުރީ 72 ވަނަ މިނެޓްގައި ޔޯއާ ފެލިކްސް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އޭނާ ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނަން އުޅެފައި ވެސް ރޮނާލްޑޯ ވަނީ އޭރިއާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ބޯޅަ ކީޕަރުގެ ބޯމަތިން ގޯލްގެ ތެރެއަށް އޮއްސާލާފަ އެވެ.
ލީގް އޭ ގެ ގުރޫޕް 3 ގެ އެއްވަނަ ޕޯޗްގަލް ހޯދީ ކުޅުނު ދެ މެޗުން ވެސް މޮޅު ވެގެން ލަނޑުގެ ތަފާތުން ކުރި ލިބުމުންނެވެ. ޕޮއިންޓްގެ ގޮތުން ޕޯޗްގަލް އާއި ފްރާންސް ވެސް އެއްވަރެވެ. ޕޯޗްގަލްއަށް ފައިދާ ފަސް ލަނޑު އެބައޮތެވެ. ފްރާންސަށް އޮތީ ފައިދާ ތިން ގޯލެވެ.
ފްރާންސުން ރޭ ކްރޮއޭޝިއާ ދެކޮޅަށް ކުޅުނު މެޗު ފްރާންސް ކާމިޔާބު ކުރީ 4-2 ންނެވެ. ފްރާންސްގެ ދެވަނަ ލަނޑަކީ ކްރޮއޭޝިއާގެ ޑޮމިނިކް ލިވާކޮވިޗް އަތުން ބައިކޯަށް ވަން ލަނޑެކެވެ. ކްރޮއޭޝިއާގެ ދެ ލަނޑު ކާމިޔާބު ކުރީ ޑެޖާން ލޮވްރެން އާއި ޖޮސިޕް ބެރެކާލޯ އެވެ.
ޑެންމާކާ ދެކޮޅަށް ކުޅުނު އިންގެލްނޑް ލަނޑެއް ނުޖެހި އެއްވަރުވިއިރު، އައިސލެންޑާ ދެކޮޅަށް ކުޅުނު މެޗު ބެލްޖިއަމްއިން ކާމިޔާބު ކުރީ 5-1 ންނެވެ.