ފުރާންސްގެ ކުޑަ އަވަށެއްގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކަށް ވަރުގަދަ ލަނޑެއް ލިބިއްޖެ އެވެ. އުމުރުން 82 އަހަރު ވެފައިވާ މި މީހާގެ ބަދިގެއަށް ވަދެގެން އުޅުނު މެއްސަކާ ހެދި އުނދަގޫވެގެން އެސޮރު މަރާލަން އުޅެނިކޮށް ބޮޑު ހާދިސާއެއް ހިނގައި އެ މީހާގެ ބަދިގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
މި މީހާ ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން ތައްޔާރުވީތަނާ ބަދިގެ ތެރޭގައި މެއްސެއް އުދުހެން ފެށި އެވެ. މެހީގެ އުނދަގޫ މާބޮޑުވެގެން މި މީހާ ގާތަށް ރުޅިއައިސް އެ މެހި މަރާލުމަށް ކުރި މަސައްކަތުން ބަދިގޭގައި ވަރުގަދަ ގޮވުމެއް ގޮވައި ބަދިގޭގެ ބޮޑުބައެއް ވަނީ ފުނޑުފުނޑުވެފަ އެވެ.
ބީބީސީގައިވާ މި ޚަބަރުގައިވާ ގޮތުން މި ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހު އެވެ. މިމީހާ ރޭގަނޑުގެ ކެއުން ކާން އިށީންނަން ތައްޔާރުކޮށްލިތަނާ އޭނާގެ ވަށައިގެން މެހި ބޫން އަޑު ގޮއްވަމުން އުދުހުން ފެށީމަ އޭނާ މެހި އަދި މަދިރި ފަދަ އެއްޗެތި މަރަން ބޭނުންކުރާ ކަރަންޓް ރެކެޓަކުން މި ސޮރު މަރާލަން މަސައްކަތް ފެށި އެވެ.
މި މީހާ މެހި މަރާލުމުގެ މަސައްކަތް ފެށިއިރު އޭނާގެ ގޭސް ސިލިންޑަރުން ގޭސް ލީކުވާ ކަމެއް އެމީހާއަކަށް އެއްގޮތަކަށް ވެސް ނޭނގެ އެވެ. އެހެންކަމުން މި މީހާ ހޫރުވަމުންދިޔަ އިލެކްޓްރިކް ރެކެޓް ގޭސް ސިލިންޑަރުގައި ޖެހިލި ވަގުތު ގޭސް ސިލިންޑަރު ގޮވީ އެވެ. އެއާއެކު ބަދިގޭގެ ބޮޑު ބައެއް ވެސް ގޮވައި ފުރާޅުން ބޮޑު ބައެއް ވެސް ވަނީ މުޅިން ހަލާކުވެފަ އެވެ.
ނަސީބަކުން އެމީހާގެ އަތް ފިހި އަތަށް ލިބުނު ގެއްލުން ފިޔަވައި މާ ބޮޑު ގެއްލުމެއް އޭނާއަކަށް ނުލިބެ އެވެ.