ލައިފްސްޓައިލް

ކޮވިޑު ޖެހުމުން ލޯފަން އަނބިމީހާ ދޫކޮށްފައި ނުދިޔަ

މިއީ 70 އަހަރުގެ ފިރިހެނެއްގެ ވަރަށް އިބުރަތުން ފުރިގެންވީ ވާހަކަ އެކެވެ. އިންޑިޔާގެ ތުރިވަނަންތަޕޫރަމްގައި ދިރިއުޅޭ މި މީހާގެ ވާހަކައިގައި ވަރަށް މުހިއްމު ފިލާވަޅުތަކެއް އެބަހުއްޓެވެ.

ކޮވިޑް-19ގެ ބޮޑު ބަލިމަޑުކަމަކާ ދުނިޔެ ކުރިމަތިލާފައިވާއިރު އުމުރުން ދުވަސްވީ ގިނަބަޔަކު މި ވަގުތު ތިބީ ވަރަށް ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގަ އެވެ. ތުރިވަނަންތަޕޫރަމްގެ ރާޖާޖީ ނަގަރްގައި ދިރިއުޅޭ ޖޯޖް ނަމަކަށް ކިޔާ 70 އަހަރުގެ މިމީހާ އަކީ ވެސް ހަމަ މިފަދަ ތަޖުރިބާތަކެއް ކުރަމުންދާ މީހެކެވެ. އޭނާ ދިރިއުޅޭނީ ލޯ އަނދިރި އަނބިމީހާއާ އެކު ވަކިން ގެއެއްގަ އެވެ. ކަން ދިމާކުރި ގޮތުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވީއިރު އަނބިމީހާގެ ނަތީޖާ އައީ ނެގެޓިވް ކަމަށެވެ.

ކަމާ ބެހޭ އިދާރާތަކުން ޖޯޖް ހޮސްޕިޓަލަށް ގެންދަން އައުމުން އަނބިމީހާ ދޫކޮށްލާފައި ދާން ޖޯޖް ދެކޮޅުހެދި އެވެ. އަންހެނުންނަކީ ލޮލަށް ނުފެންނަ މީހަކަށް ވާތީ އޭނާ އާ ނުލައި އަންހެނުންނަށް ދިރިއުޅެން އުނދަގޫވާނެތީ އެވެ. އެންމެ ފަހުން އޭނާގެ އަންހެނުން ވަރަށް ރަނގަޅަށް ބަލަހައްޓާ ދޭނެ ކަމަށް އޭނާ ބަލައި އައި އޮފިޝަލުން އޭނާއަށް ވައުދުވި އެވެ. އަންހެނުންގެ އަތުން ދޫކޮށްލާފައި ޖޯޖް ދާން އެއްބަސްވީ އޭގެ ފަހުންނެވެ.

އުމުރުން ދުވަސްވީ ވަރަށް ގިނަ ދެމަފިރިންގެ މި ކަހަލަ ވާހަކަތައް މި ބަލިމަޑުކަމުގެ ތެރޭގައި ދަނީ އިވެމުންނެވެ. ދެމަފިރިން އެކަކު އަނެކަކު ދޫކޮށްލާފައި ނުދާން މަސައްކަތް ކުރާ ވާޙަކަ އާއި މަރުވާ އިރުވެސް އަތާ އަތް ގުޅާލައިގެން ތިބެން ބޭނުންވާ މީހުންގެ ވާހަކަ ތަކެވެ.

ކައިވެންޏަށް 60 ވަރަކަށް އަހަރުވެފައިވާ ބައެއް ދެމަފިރިން ކޮވިޑް-19 ޖެހިގެން އެކުއެކުގައި މި ދުނިޔެ ދޫކޮށްފައި ވެއެވެ.

އަދި އުމުރުން 80 އަހަރުވެފައި ތިބި ދެމަފިރިއަކު ހޮސްޕިޓަލުގެ ބަލި އެނދުގައި ތިބެ އެކަކު އަނެކަކަށް އަލްވަދާއު ކީ މަންޒަރުތަކެއް ވެސް ވަރަށް ފަހުން ސޯޝަލް މީޑިއާގައި ވައިރަލް ވިއެވެ.

މި ވާހަކަތަކުން ވެސް ލިބޭ އިބްރަތަކީ ދުވަސްވީ މައިންބަފައިންނަށް އަޅާ ލުމުގެ ދަރިންގެ ދައުރު އިތުރުކުރަން ޖެހޭ ކަމެވެ. އެމީހުން މުސްކުޅިވީ ދުވަހު އެކަނިކޮށް ނުލާ އެންމެ ފަހު ވަގުތާ ހަމަޔަށް ވެސް އެމީހުންނަށް ޚިދުމަތްކުރުމުގައި ދަރިން ތިބެން ޖެހޭނެ ކަމެވެ.