ކުޅިވަރު

ޕީއެފްއޭ މޮޅު ކުޅުންތެރިޔާ އެވޯޑް ޑިބްރޭނާއަށް

ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) ގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެންޗެސްޓާ ސިޓީގެ މިޑްފީލްޑާ ކެވިން ޑި ބްރޭނޭ ހޯދައިފި އެވެ.

މި އެވޯޑް 1974 ވަނަ އަހަރު ތައާރަފު ކުރި ފަހުން މެންޗެސްޓާ ސިޓީން މި އެވޯޑް ހޯދި ފުރަތަމަ ކުޅުންތެރިޔާ އަކީ ޑިބްރޭނޭ އެވެ. މިދިޔަ ސީޒަންގައި ޑިބްރޭނޭ ވަނީ ޕްރިމިއާ ލީގްގެ ތާރީހްގައި އެންމެ ގިނަ އެސިސްޓް ހެދި ކުޅުންތެރިޔާގެ ރެކޯޑާ އަރާ ހަމަ ކޮށްފަ އެވެ. އޭނާ ވަނީ ސީޒަންގައި 20 އެސިސްޓް ކޮށްފަ އެވެ. އަދި 13 ގޯލް ޖަހާފަ އެވެ.

ޓީމު ލެވަލްގައި މެންޗެސްޓާ ސިޓީއަށް ލީގް ކަޕް އެކަނި ކާމިޔާބު ކުރެވުނު ނަމަވެސް، ޕީއެފްއޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑްގައި ޑިބްރޭނޭ ވަނީ ޕްރިމިއާ ލީގް ޗެމްޕިއަން ލިވަޕޫލްގެ ސެޑިއޯ މާނެ، ޓްރެންޓް އެލެގްޒެންޑާ އަނޯލްޑް، ޖޯޑަން ހެންޑަސަން އަދި މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާ ވާޖިލް ވެންޑައިކް ބީޓް ކޮށްފަ އެވެ.

ޕީއެފްއޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދީ ލިވަޕޫލްގެ ޑިފެންޑަރު އެލްގްޒެންޑާ އާނޯލްޑް އެވެ. އިންގްލެންޑްގެ ގައުމީ ޓީމުގައި ވެސް މުހިންމު ރޯލެއް އަދާ ކުރާ އާނާލްޑް އެވޯޑް ހޯދީ ގައުމީ ޓީމުގައި އޭނާގެ އެކުވެރިން ކަމަށްވާ، ޗެލްސީގެ ޓަމީ އަބްރަހަމް، މޭސަން މައުންޓް އަދި މެންޗެސްޓާ ޔުނައިޓެޑްގެ މާކޯޝް ރަޝްފާޑް، މޭސަން ގްރީން ވުޑްގެ އިތުރުން އާސެނަލްގެ ބުކަޔޯ ސަކާ އާ ވާދަ ކުރުމަށް ފަހު އެވެ.

އާނޯލްޑަކީ ލިވަޕޫލްގެ ލެޖެންޑެރީ މިޑްފީލްޑާ ސްޓިވަން ޖެރާޑް 2001 ވަނަ އަހަރު އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި ފަހުން ލިވަޕޫލަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން އެ އެވޯޑް ހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ.

ދަނޑުމަތީ ކުރި މަސައްކަތަށް އެވޯޑް ނުލިބުނަސް، ރަޝްފާޑަށް ވަނީ ކުޅުމުން ބޭރުން އޭނާ ކުރި ޗެރިޓީ މަސައްކަތަށް ޕީއެފްއޭ މެރިޓް އެވޯޑް ދީފަ އެވެ. މިދިޔަ ތިން މަސްތެރޭ ރަޝްފާޑް ވަނީ ތަނަވަސްކަން ނެތް އާއިލާތަކުގެ ސްކޫލް ކުދިންނަށް ހިލޭ ކެއުން ފޯރުކޮށް ދިނުމަށް ސަރުކާރަށް ބާރު އަޅައި، ކެމްޕޭނެއް ކުރިއަށް ގެންގޮސްފަ އެވެ.