ޑިމޮކްރެސީ އާއި ރާއްޖޭގެ ގާނޫނުތައް ނަގަހައްޓަން މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އިންޑިޔާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް، ސުޝްމާ ސްވަރާޖް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބާރުފޯރުވުމަށް ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކުން މަސައްކަތްކުރާ ކަމަށާއި އެފަދަ ޢަމަލުތަކަށް ދިވެހި ސަރުކާރުން ޖާގަ ނުދޭނެ ކަމަށެވެ. އަދި، އެ ގައުމެއްގެ އަމިއްލަ އުސޫލުތަކަށާއި ސިޔާދަތަށް އެހެން ގައުމުތަކުން އިހުތިރާމް ކުރަންޖެހޭނެ ކަމަށާއި، ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ޤައުމު ހިންގުމުގެ އަމިއްލަ އިޚްތިޔާރު ކޮންމެ ގައުމަކަށްވެސް ލިބެންވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ދެކުނު އޭޝިޔާ ސަރަޙައްދުގެ ވަކިވަކި ގައުމުތަކުގެ އެތެރޭގެ ހަމަޖެހުން އެހެން ހުރިހާ ގައުމަކަށްވެސް ވަރަށް މުހިންމު ކަމަށާއި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަވަށްޓެރި ބޮޑެތި ގައުމުތަކުގެ އެއްބާރުލުން ރާއްޖެއަށް ވަރަށް މުހިންމު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމް ކުރެވުނުފަހުން 50 އަހަރުފުރޭ އަހަރުކަން ފާހަގަ ކުރައްވަމުން، ވޭތުވެދިޔަ ތާނގައި ރާއްޖެއަށް ކުރިމަތިވި ކޮންމެ ކަމެއްގައި އެއްވެސް ފަސްޖެހުމެއްނެތި ރާއްޖެއަށް އެހީތެރިވެދެއްވާފައިވާތީ، އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާ ކުރެއްވިއެވެ.